ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ކޯޓުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ ތެރެއިން ގޮނޑިއެއް ހުސްވެފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު މިމަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
"ސަން" ގެ މަޢުލޫމާތަށް ބަލާއިރު، މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ހިމަނާފައެވެ.
މި މަޤާމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ހުޅުވާލުމުން، ފުރަތަމަ ދެ ދުވަހުގެ މުއްދަތުގައި ކުރިމަތިލައްވާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަނިކަމަށްވާއިރު، މުއްދަތު އިތުރުކުރުމަށްފަހު ޙުސައިން ޝަހީދާއި ޤާނޫނީ ވަކީލު ރުޝްދުﷲ އިބްރާހީމް ވެސް ކުރިމަތިލައްވާފައިވެއެވެ.
ޙުސައިން ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ހާސިލުކުރައްވާފައެވެ.
ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުއެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް އޭނާ އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ބަންޑާރަނައިބު އަޙްމަދު އުޝާމް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ. މި ނުފޫޒު ފޯރުވަނީ ކޯޓުން ބަލަމުންދިޔަ ދުސްތޫރީ މައްސަލައެއް ހުއްޓުވުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.
ސުޕްރީމް ކޯޓަށް އައު ފަނޑިޔާރަކު އައްޔަންކުރާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންނެވެ.