ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލްގެ ބަހުސްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެފައިވަނީ، ކޯޓުތަކާއި އެމްއެމްއޭ ފަދަ މިނިވަން މުއައްސަސާތަކާ އަވަސް އަރުވާލައިގެން ޖަޒުބާތުގައި ކުޅެފިނަމަ މާލީ އިދާރާތަކުން ރާއްޖެއަށް ދޭ ރޭޓިންތައް ދަށްވެ، އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
ރައީސް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުއްވާލެއްވި މި ބިލާ ގުޅޭގޮތުން އަޒާން ފާހަގަކުރެއްވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި މިދިޔަ 15 އަހަރު ތެރޭގައި އަމަލުކޮށްފައި ވަނީ އަވަސް އަރުވާލައިގެން ރަނގަޅަކަށް ނޫނެވެ. އަދި މިފަދަ ކަންކަން ކުރަންވާނީ ފާޑު ނުކިޔޭނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
"އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން އެބަ ޖެހޭ. ބޭރުގެ އެހީއާ އެކު މިކަން ކުރެވޭނީ. ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރޭޓިން ދޭއިރު ވަރަށް ބޮޑަށް ބަލާ ކަމެއް މިއީ ފަނޑިޔާރުގެ، އެމްއެމްއޭ ފަދަ މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ފަންގްޝަން ކުރޭތޯ. މިގޮތަށް އަވަސް އަރުވާލައިގެން ފަނޑިޔާރުގެއާ އަދި އެމްއެމްއޭ އާއި އެހެން ތަންތަނާ ކުޅެން ވެއްޖެ ނަމަ އެބޭފުޅުން ދެން ރޭޓިން ދެއްވާއިރު ދެއްވާނީ ރާއްޖެއަށް ޑީ ރޭޓިން،" އަޒާން ވިދާޅުވިއެވެ.
ޑީ ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓްވެ އަދި ޑީފޯލްޓް ވެފައިވާ ގައުމުތަކަށް އިދާރާތަކުން ދޭ ރޭޓިން އެކެވެ.
އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފިޗާއި މޫޑީސްގެ ރޭޓިންގައި ރާއްޖެއަށް ޑީ ރޭޓިން ލިބިއްޖެނަމަ، ވެރިކަމަށް އައުމުގައި ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގަތް ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުން ފައިސާ ހޯދުމަށް ދަތިވާނެއެވެ. އަދި ޖަޒުބާތުގައި ނިންމާ ނިންމުންތަކުގެ ސަބަބުން މުޅި ރާއްޖެ އާއި ޕީއެންސީއަށް އާހިރުގައި ގެއްލުންވާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.
"އެހެންކަމުން މި ބިލަކީ މި ތަޅުމުން ބޭރު ކުރަން ޖެހޭ ބިލެއް،" އަޒާން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އަޒާން މި ބިލަށް ވޯޓް ނުދެއްވި މައްސަލައިގައި ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށް، މުހިންމު ކޮމިޓީތަކުން ވެސް އަޒާން ވަނީ ވަކިކޮށްފައެވެ.