ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު ގަނޭމުއްލާ ސަންޖީވާ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކު ފިލައިގެން ދިވެހިރާއްޖެއަށް އައިސްފައިވާކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ފާއިތުވި މަހުގެ 19 ވަނަ ދުވަހު ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބެލެވޭ ގޭންގް ލީޑަރު ގަނޭމުއްލާ ސަންޖީވާ މަރާލާފައިވަނީ ކޯޓުގެ އަޑުއެހުމަކަށް ގެންދިޔަ ތަނުން ބަޑިޖަހައިގެންނެވެ. ލަންކާގެ ނޫސްތަކުން ބުނާގޮތުގައި މި ޙަމަލާގައި ބޭނުންކުރި ފިސްތޯލަ ކޯޓަށް ވެއްދީ އިޝާރާ ސެއްވާންދީ ކިޔާ މީހެކެވެ.
ހަމަލާދިނުމަށްފަހު އިޝާރާ ހައްޔަރުކުރެވުމުގެ ކުރިން ފިލައިގެން ކަނޑުމަގުން ދިވެހިރާއްޖެއަށް އައިސްފައިވާކަމަށް ބެލެވެއެވެ. ލަންކާގެ ނޫސްތަކުން ބުނާގޮތުގައި އޭނާ ފިލުމަށް ބާރުގަދަ އަންޑަވޯލްޑް ގޭންގެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ހުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ކުރިއާލާ ހަމަޖައްސާފައިވާކަމަށްވެސް ރިޕޯޓުކުރެވެއެވެ.
ލަންކާ ފުލުހުންގެ ތަޙުޤީޤުން ދައްކާގޮތުގައި އިޝާރާއަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތެކެވެ. ފުލުހުން މިހާރުވަނީ އޭނާގެ ފޮޓޯ އާންމުކޮށް، އޭނާ ހިފައި ގެނެސްދޭ ފަރާތަކަށް ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
ލަންކާ ފުލުހުންގެ ބުނެފައިވަނީ، ގަނޭމުއްލާ ސަންޖީވާ މަރާލި މީހާގެ އަތަށް ބަޑި ގެންގޮސްދިނީ އިޝާރާއެވެ. އޭނާ އެކަން ކޮށްފައިވަނީ ވަކީލެއްގެ ގޮތުގައި ހެދިގެން، ފޮތެއްގެ ގަނޑުތައް ބަޑީގެ ބައްޓަމަށް ކަފައި، އޭގެތެރޭގައި ބަޑި ފޮރުވައިގެންނެވެ.
މި މައްސަލާގައި ދިވެހި ސަރުކާރުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.