މަސްވެރިކަމުގެ ދާއިރާގެ އިންސްފްރާސްޓްރަކްޗާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓު ބެންކު (އައިޑީބީ)ން 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއަކަށް މިފްކޯ އިން އެދިއްޖެ އެވެ.
މިފްކޯ އިން މިއަދު ބުނެފައިވަނީ ސަރުކާރުގެ އެހީތެރިކަމާ އެކު އެ ކުންފުނިން އައިޑީބީގެ ފައިނޭންސިން ފެސިލިޓީއަށް އެދުނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. މި ފެސިިލިޓީގެ ސަބަބުން މިފްކޯގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އިންސްޓޯލްމެންޓު ސޭލް އަދި ގްރާންޓުގެ ގޮތުގައި ހޯދާ މި ފައިސާއިން މިފްކޯގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރުމަށާއި، ކަނޑުއޮތްގިރީގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރެވޭނެއެވެ. އަދި ޅ.ފެލިވަރު އަދި ގއ. ކޫއްޑޫގައި ގައި ސްޓާފް އެކޮމޮޑޭޝަން އިމާރާތް އެޅުމަށާއި، މިފްކޯގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ތަމްރީނު ދީ ކެޕޭސިޓީ ބިލްޑިންގެ މަސައްކަތްތަކަށްވެސް މި ފައިސާ ބޭނުންކުރެވޭނެއެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުތައް ކުރިއަށް ގެންދާނީ އައިޑީބީގެ ފަންޑިންގައި މަޝްރޫއުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ބައިނަލްއަގުވާމީ ވާދަވެރި ބިޑިންގެ ތެރެއިންނެވެ.