ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާގެ ދެވަނަ މައްސަލަވެސް ކުރިޔަށް ދާނީ ސިއްރުކޮށްގެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާގެ ދެވަނަ މައްސަލަވެސް ކުރިޔަށް ދާނީ ސިއްރުކޮށްގެން

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ދެވަނަ މައްސަލައިގެ އަޑުއެހުންތައް ވެސް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ޤާނޫނީ ވަކީލު، އިބްރާހިމް ޝަމީލް ވިދާޅުވިގޮތުގައި މި މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ، އާންމު މަޞްލަޙަތަށް ގެއްލުން ލިބިދާނެކަމަށް ބުނެ ޖޭއެސްސީން މައްސަލަ ސިއްރުން ބެލުމަށް ނިންމާފައިވެއެވެ.

ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭގޮތުން ޖޭއެސްސީން ދެ މައްސަލައެއް ބަލަމުން ގެންދެއެވެ. އޭގެތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާޢީލް ލަޠީފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ގުޅައި ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

ދެވަނަ މައްސަލައަކީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ޙުސައިން މުޙައްމަދު ޙަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު "ހުތުރު ބަހުން" ވާހަކަދެއްކެވިކަމަށް ބުނެވޭ މަޖިލީހުގައި ފަނޑިޔާރު އަޒްމިރާލްދާ ބައިވެރިވެވަޑައިގެންނެވި މައްސަލައެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފުރަތަމަ މައްސަލައިގެ އަޑުއެހުން ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދުނު ނަމަވެސް، ޖޭއެސްސީން އެކަމަށް ހުއްދަދީފައި ނުވާކަމެވެ.

ފަނޑިޔާރު އަޒްމިރާލްދާއާއެކު މި ދެ މައްސަލައިގައި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރަށް ވެސް ތުހުމަތުކުރެވިފައިވެއެވެ. ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވިކަމަށް ބުނެވޭ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވެސް ތަޙްޤީޤުކުރަމުން ގެންދާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކުރެވިފައެވެ.

ސުލޫކީ މައްސަލައިގައި ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާ ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި އަދި އެއީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއްކަމަށެވެ. އަދި ޑރ. އިސްމާޢީލްގެ ބަންދާ ގުޅޭގޮތުން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކައެއް ދައްކާފައިނުވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ