ރައީސް ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ވާހަކަ ދެއްކި މައްސަލައިގައި ފިޔަވަޅު އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

ރައީސް ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ވާހަކަ ދެއްކި މައްސަލައިގައި ފިޔަވަޅު އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

ގުޅުންހުރި

ސިލްސިލާ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ވާހަކަ ދެއްކި މައްސަލައިގައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ "ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް ކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދާ" ކަމަށާއި، އެ ކުދިންގެ އަބުރާއި އިއްޒަތް ނަގާލައި ދޮގު ތުހުމަތުތަކާއި އިލްޒާމުތައް ބޮލުގައި އަޅުވަމުންދާ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލެއްވިއެވެ.

"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމަ، ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރި ކުރުމުގެ ބަޔާނަކުން ފުއްދައި ނުލައްވައި، އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ ކުށްވެރިކޮށް، "ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން" ކަމަށް ބަޔާނެއް ނެރެފައިވެއެވެ. އެ ކޮމިޝަނުން އިތުރަށް ބުނެފައިވަނީ ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އެހެން ނަމަވެސް، އެމްޑީޕީން މަންދީގެ ވާހަކަތައް ދިފާއުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ކުޑަކުއްޖަކަށް ނިސްބަތްކޮށް އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ