ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޓެކްސީ ކުރިކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޓެކްސީ ކުރިކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ޝަރީޢަތުގެ އަޑުއެހުމެއް އޮތް ވަގުތު ވަޒީފާގެ މަސްއޫލިއްޔަތު ދޫކޮށްލައި "ޓެކްސީ ޑްރައިވަރެއްގެ" ގޮތުގައި އެއަރޕޯޓަށް މީހުން އުފުލަން އުޅުނު ކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމިއްލަ ފަރާތަކުން މައްސަލަ ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ބާޠިލުކުރުމަށް ހުށަހެޅުނު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ގަސްދުގައި ހާޒިރުނުވީ ކޯޓުން ބޭރުގައި ޓެކްސީ ކުރުމަށް އުޅުނު ކަމަށެވެ. އަދި އަޑުއެހުމަށް ހާޒިރުވުން ލަސްވާނެކަން ކުރިއާލައި އަންގާފައިނުވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ހާޒިރުވީ ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރުން – ހުސްނުއްސުޢޫދު، މަހާޒު ޢަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު – ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށެވެ. މި ސަބަބުތަކަށްޓަކައި ފަނޑިޔާރު އަލީ ރަޝީދު ޢަމަލުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފަށް ކަމަށް ބުނެ، އެކަން ބަލައިދިނުމަށް ޖޭއެސްސީގައި އެދިފައިވެއެވެ.

މިހާރުވެސް ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ގެންދެއެވެ. އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާޢީލް ލަޠީފް ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ. މީގެ އިތުރުން ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ދިމާލަށް އޭރުގެ ފަނޑިޔާރު ހުސްނުއްސުޢޫދު "ހުތުރުބަހުން" ވާހަކަދެއްކެވި މަޖިލީހެއްގައި މަހާޒު އާއި އަޒްމިރާލްދާ ތިބި މައްސަލައެއްވެސް ބަލަން ޖޭއެސްސީން ނިންމާފައިވެއެވެ.

ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރުމަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުނުކުރައްވައި އަނބުރާ ފޮނުވާލައްވާފައިވެއެވެ. މި އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ޤާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ބިލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ