އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވާނެކަމަށާއި، ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޗައިނާއަށް ދަންކަންޖެހޭ ބޮޑު ދަރަންޏަށް ލުޔެއް ދޭންޖެހޭ ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވީ އަންނަ އަހަރަކީ އިޤްތިޞާދީ ގޮތުން ދަތި އަހަކަށް ވާނެކަމަށެވެ. ރާއްޖޭގެ އިޤްތިޞާދަށް އޮތް ދަތި ހާލަތުން އަރައި ގަނެވޭނީ ބޭރުގެ ދަރަނިން ސަލަމާތްވެގެންކަމަށާއި، ޚާއްސަކޮށް ޗައިނާގެ ދަރަންޏަށް ކޮންމެވެސް ލުޔެއް ދެއްވާނެކަމަށް އުންމީދު ކުރައްވާކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ކޯވިޑް-19 ގެ ހާލަތާއިއެކު ޗައިނާ ދަރަނީގެ ވާހަކަ ކެނޑިނޭޅި ދައްކަމުންނެވެ. ޗައިނާގެ ދަރަންޏަކީ ދަރަނީގެ ބޮޑު ދަންތުރެއްކަމަށް ވިދާޅުވެ އަބަދުވެސް ރައީސް ނަޝީދުގެ މަހުގެ ހަމަލާތަކެއް ޗައިނާއަށް އަމާޒުކުރައްވައެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް ޗައިނާ ސަފީރު އަބަދުވެސް ރައްދު ދެއްވައި އެކަމުގެ ހަގީގަތް ސާފުކޮށް ދެއްވައެވެ. އެގޮތުން ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ޗައިނާ ސަފީރު ޖަންގް ލިޒޯންގްވިދާޅުވެފައި ވަނީ ޗައިނާއިން ވަނީ ރާއްޖެއަށް ލޯނުތަކުގައި ލުއިދެއްވާފައިވަަކަމަށެވެ. އަދި ޖައްސަވާ ހިސާބުތަކަކީ އެއްވެސް ވަރަކަށް ދިމާވާ ހިސާބުތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމް ކުރުމުގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ޗައިނާގެ އެހީއާއި ލޯނުތައް މެދުވެރިކޮށެވެ. އަދި ޗައިނާގެ ބޭންކްތަކުން ވެސް ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ލޯނު ނަގާފައިވެއެވެ. މި ގޮތުން ލިޔެކިއުންތަކުން ފެންނަ ގޮތުން ޗައިނާއަށް 1.1 ބިލިއަން ޑޮލަރު ރާއްޖެއިން ދައްކަން ޖެހެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގިނަ ގައުމުތަކުން ވަނީ ލޯނުތައް ދެއްކުމުގެ މުއްދަތު ފަސްކޮށްފައެވެ. މިޤައުމުތަކުގެ ތެރޭގައި ޗައިނާވެސް ހިމެނެއެވެ.