މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ސަރުކާރުން އިއުލާން ކޮށްފައިވާއިރު، މި ސްކީމުގެ ދަށުން ފްލެޓް ނުލިބޭ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން މި ސަރުކާރުގެ ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، 4000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ދަފްތަރު ވެރިފައިކުރުމަށްފަހު ކަނޑައެޅިފައިވާ މިންގަނޑަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި 3721 ފަރާތުގެ ތެރެއިން 75 ޕޮއިންޓަށްވުރެ މަތިން ލިބުނު 1423 ފަރާތަކަށް ފްލެޓް ލިބޭނެކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި 1218 ފަރާތުގެ ތެރެއިން 73 ޕޮއިންޓަށްވުރެ މަތިން ލިބުނު 397 ފަރާތަކަށް ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން ޖުމްލަ 4939 ފޯމުގެ ތެރެއިން މި ސްކީމުގެ ދަށުން ފްލެޓް ލިބޭނީ 1820 ފަރާތަކަށެވެ.
ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ސްކީމުގެ ދަށުން ފްލެޓް ނުލިބޭ ފަރާތްތަކުން އަލުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަން ނުޖެހޭނެކަމަށެވެ. ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މި ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވެއެވެ.