ރާއްޖޭގައި ދިމާވެފައިވާ ކާށީގެ ޝޯޓޭޖު ހައްލުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް ކާށި ވިއްކަން ފަށައިފިއެވެ.
ބާޒާރުގައި މިހާރު ކާށި ވިއްކަމުން އަންނަނީ 40 ރުފިޔާއިން ފެށިގެން 60 ރުފިޔާއާ ހަމައަށް އަގުތަކެއްގައި ކަމަށްވާއިރު، އެސްޓީއޯއިން މިހާރު ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއަކަށް 20 ރުފިޔާގެ ރޭޓުން ކާށި ވިއްކަން ފަށާފައެވެ.
އެސްޓީއޯ އިން ހާމަކުރި ގޮތުގައި، ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން ކުރިއާލާ ބުކްކުރުމުން އެ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ކާށި ފޯރުކޮށްދެވޭނެއެވެ. އަދި ރައްޔިތުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައް ވެސް ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯއިން މި ކާށި ގެންނަނީ އިންޑިއާއިން ކަމަށާއި ކޮންމެ 10 ދުވަހަކުން ބުކިންގ ލިބޭ މިންވަރަކަށް ކާށީގެ ޝިޕްމަންޓްތައް ގެންނާނެ ކަމަށް ހާމަކޮށްފައިވެއެވެ. ކާށީގެ ސްޓޮކް ހޯދަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ނުވަތަ 7291124 އަށް ވައިބާ މެސެޖް ކޮށްގެން ބުކް ކުރެވޭނެ ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.
ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭގޮތަށް ރައްޔިތުންނަށް ކާށި ފޯރުކޮށްދިނުމަކީ މި އިންތިޒާމުގެ ބޭނުންކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރު ވެސް އެސްޓީއޯއިން ވަނީ މިފަދަ އުސޫލަކުން ފިޔާ ގެނެސް ހޯލްސޭލްކޮށް ވިއްކާފައެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި، މި ވަގުތު ރޯދަ މަހަށް ހާއްސަކޮށް 24 ބާވަތެއްގެ މުދާ ބާޒާރަށް ނެރެ ކޮންޓްރޯލް އަގުތަކެއްގައި ވިއްކަމުން ގެންދެއެވެ.