ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހާޒިރުކޮށްފިއެވެ. މަހާޒު ކޮމިޝަނަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 1 ޖެހިއިރު، އޭނާގެ ގާނޫނީ ވަކީލު ފައިސަލް މުހައްމަދާ އެކުގައެވެ.
ޖޭއެސްސީން މިހާރު ބަލަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. މި މައްސަލާގައި އަޒްމިރަލްދާގެ އިތުރުން މަހާޒުގެ މައްޗަށް ވެސް ތުހުމަތު ކުރެވެއެވެ.
އަޒްމިރަލްދާ ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތަކަށެވެ. އަޒްމިރަލްދާގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަން ވެގެން އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ.
މި މައްސަލައިގެ އިތުރުން، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. މި ހާދިސާ ހިނގިއިރު އަޒްމިރަލްދާ އާއި މަހާޒު ވެސް އެތަނުގައި ތިއްބެވި ކަމަށް ބުނެވެއެވެ.
މި މައްސަލަތައް ބެލެމުންދަނީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ބަލަމުން ގެންދިޔައީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ނަމަވެސް، ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމާ ގުޅިގެން މައްސަލަ ވަނީ ހުއްޓިފައެވެ.
ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަމައެކަނި ހަތަރު ފަނޑިޔާރުންނެވެ. ސަސްޕެންޑްކުރެވުނު ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިދިޔަ ހަފުތާގައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މަހާޒް އާއި އަޒްމިރަލްދާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މިހާރުވެސް މި ދެ ފަނޑިޔާރުން ތިބީ ސަސްޕެންޑް ކޮށްފައެވެ.