ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލައިފި

ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލައިފި

ގުޅުންހުރި

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށްޓަކައި، ސަރުކާރުން ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ސަރުކާރުން ރާއްޖޭގެ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުމަށް އަވަސް އަރުވާލައިގެން ގާނޫނުތަކަށް ގެނެސްފައިވާ ކަމަށް އިދިކޮޅުން ތުހުމަތުކުރާ އިސްލާހުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި މިގޮތަށް ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވާ ގޮތުގައި، 2008 ވަނަ އަހަރު ގެނައި މަލްޓިޕާޓީ ޑިމޮކްރަސީގެ ބަދަލާއެކު ބޮޑެތި ގޮންޖެހުންތަކަކާއި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާހިސާބަށް އައިއިރު ޑިމޮކްރެޓިކް އިސްލާހުގެ ފައިދާ ރާއްޖެއަށް ކޮށްފައިވެއެވެ. ނަމަވެސް މިފަހުން ޑިމޮކްރެޓިކް ނިޒާމު ފަހަތަށް ސޮއްސާލަމުންދާ ދިއުމަކީ އަހަރުތަކެއް ވަންދެން ރާއްޖެއަށް އެ ނިޒާމުގައި ލިބިފައިވާ ކުރިއެރުމަށް މުސްތަޤުބަލުގައި ނުރައްކާކުރާނެ ކަމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވަނީ، "ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ނަޒާހަތްތެރިކަން ހިމާޔަތްކުރަން [ސަރުކާރުން ގާނޫނު އަސާސީ އާއި ކޯޓުތަކުގެ ގާނޫނަށް] ގެނެސްފައިވާ މި އިސްލާހުތަކާ މެދު އިތުރަށް ވިސްނައި އަނބުރާ ގެންދަން ސަރުކާރަށް ގޮވާލަމެވެ" ކަމަށެވެ.

ރާއްޖޭގައި 2024ގެ ފަހުކޮޅުން ފެށިގެން ހިނގަމުންދާ ކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް، ޓްރާންސްޕޭރެންސީން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ:

  • އަވަސް އަރުވާލައިގެން ފާސްކޮށްފައިވާ ގާނޫނުތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުޢީ ނިޒާމުގެ މިނިވަންކަން ގަންބުވާލާފައިވޭ
  • ގާނޫނުތަކުގެ ނިޒާމާއި ޑިމޮކްރެޓިކް ހަމަތައް އަދި އާންމުންގެ ބަހަށް ބެލުމެއްނެތި މިފަދަ ނިންމުންތައް ނިންމާފައިވަނީ ސިޔާސީ ބޭނުމަށް
  • މި އިސްލާހުތަކުގެ ސަބަބުން މަޖިލިސް މެންބަރުންގެ މިނިވަންކަން ގެއްލި ޕާޓީން ބޭނުންވާ ގޮތަށް ވޯޓު ދިނުމަށް މަޖުބޫރުވެފައިވޭ
  • މި ބަދަލުތައް ގެނެސްފައިވަނީ މާބޮޑު މަޝްވަރާއަކާއި އާންމުންގެ ބަހެއް ވެސް ނެތި އަވަސް އަރުވާލައިގެން؛ މިއީ މައްސަލައެއް

ޓްރާންސްޕޭރެންސީން ބުނެފައިވާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ޝަރުޢީ ނިޒާމުގެ މިނިވަންކަން ގެއްލި ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެގެންދާނެއެވެ.

ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ގެނައީ އަވަސް އަރުވާލައިގެން އެއް ދުވަސްތެރޭއެވެ. އެ އިސްލާހު ބާޠިލުކުރަން ހުށަހަޅާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ގިނަވެގެން 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ޕީއެންސީގެ 68 މެންބަރުންގެ ވޯޓާ އެކު ފާސްކުރީވެސް އަވަސް އަރުވާލައިގެންނެވެ.

އެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ސަސްޕެންޑްކޮށްފައެވެ. އަދި އެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ޖޭއެސްސީގެ އިތުރުން އޭސީސީން ވެސް ވަނީ ތަޙުޤީޤު ކުރަން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ