ދުނިޔޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭއްވޭ އެންމެ ބޮޑެތި ފެއަރތަކުގެ ތެރޭގައި ހިމެނޭ އައިޓީބީ ބާލިން ފެއަރއަކީ ވަރަށް ކާމިޔާބު ފެއަރއެއްކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި ފެއަރގައި ރާއްޖެ ތަމްސީލުކުރެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް މުހިންމު ފެއަރއެއް ކަމަށާއި، މި ފެއަރގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފެއަރގެ ތެރެއިން އެކި އެއަރލައިންތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވި ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާވެސް ބައްދަލުކޮށް އެފަރާތްތަކަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހޯދަން މަސައްކަތްކުރެއްވި ކަމަށް ތޯރިގް ވިދާޅުވިއެވެ.
އައިޓީބީ ބާލިން 2025 ފެއަރ ކުރިއަށް ގޮސްފައިވަނީ މާރިޗު 4 އިން 6 އަށް މެސޭ ބާލިންގައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު ނެޓްވޯކިންގ އާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ބީ2ބީ އަދި ބީ2ސީ އޯޑިއަންސްއަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ބާއްވާ މުހިންމު ފެއަރއެކެވެ.
މި އަހަރުގެ ފެއަރގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި 504 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއް ޚާއްޞަކޮށްފައިވެއެވެ. މި ސްޓޭންޑް ފަރުމާކޮށްފައިވަނީ މީޑިއާ އަދި ޓްރެވަލް ޓްރޭޑާއެކު ބައްދަލުވުންތައް ބޭއްވުމަށް ފަސޭހަވާނެހެންނެވެ. އަދި މި ސްޓޭންޑުގައި ވީއައިޕީ މީޓިންގ ރޫމަކާއި ތިން އިންޑަސްޓްރީ މީޓިންގ އޭރިއާ ހިމެނޭއިރު، މިތަންތަނުގައި ފޮޓޯ ބެކްޑްރޮޕްތަކާއި 360 ޑިގްރީގެ ފޮޓޯ ބޫތު ފަދަ ޚާއްޞަ ކަންތައްތައް ހިމަނާފައިވެއެވެ. އަދި މި ސްޓޭންޑުގައި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ މުހިންމު މަޢުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހައި، މީޑިއާ އިންޓަވިއުތައް ދީފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓްރެޑިޝަނަލް ކޯނަރެއް ޤާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ