ރޯޔަލް އައިލެންޑްގައި އުއްތަމަ ފަނޑިޔާރު ނާޒިމް ބައްދަލުކުރިކަމަށް ބުނެ ދޮގު މަޢުލޫމާތު ފެތުރުން ކުށްވެރިކޮށްފި

ރޯޔަލް އައިލެންޑްގައި އުއްތަމަ ފަނޑިޔާރު ނާޒިމް ބައްދަލުކުރިކަމަށް ބުނެ ދޮގު މަޢުލޫމާތު ފެތުރުން ކުށްވެރިކޮށްފި

ގުޅުންހުރި

5 މާރިޗް 2025 (މާލެ) – ރޯޔަލް އައިލެންޑްގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އާއި މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރާވާފައިވާ ކަމަށް "ދިޔަވަރު.ކޮމް" ގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ޚަބަރެއް ކަމަށް ރޯޔަލް އައިލެންޑް ރިސޯޓުގެ ވެރިފަރާތް އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ގާސިމް އިބުރާހިމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ "ދިޔަވަރު.ކޮމް"ގައި ލިޔެފައިވާ އާޓިކަލްގައި ބަޔާންކޮށްފައިވާ ފަދަ ބައްދަލުވުމެއް ހިނގާފައި ނުވާކަމުގައެވެ. ގާސިމް ވިދާޅުވީ އޭނާ އެންމެ ފަހުން ރޯޔަލް އައިލެންޑަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ކުރެއްވި ދަތުރެއްގައި ކަމުގައެވެ.

މީގެއިތުރުން، އާޓިކަލްގައި ބަޔާންކޮށްފައިވާ މުޙައްމަދު ޝިހާބު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު 2024 އަދި 2025 ވަނަ އަހަރު މިހާތަނަށް ރޯޔަލް އައިލެންޑް ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައި ނުވާކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

"މިފަދަ ދޮގު ވާހަކަތައް ލިޔެ ޝާއިޢުކުރާ މީހުންނަކީ މުޖުތަމަޢު ފަސާދަކުރުމުގެ ބޭނުމުގައި މިފަދަ ޢަމަލުތައް ތަކުރާރުކޮށް ކުރާ ބައެކެވެ," ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގާސިމް އިބުރާހިމް ގޮވާލާފައިވަނީ މިފަދަ ދޮގު ޚަބަރުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅު އަޅައިދިނުމަށެވެ. "ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ޙަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރައި ސިޔާސީ މަޤްޞަދުތައް ހާސިލްކުރުމުގެ ލައިސަންސެއް ނޫނެވެ. މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެއެވެ" ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ