ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ޤާނޫނު ތަސްދީޤު ނުކުރުމަށް ފަސް ޖަމިއްޔާއަކުން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ޤާނޫނު ތަސްދީޤު ނުކުރުމަށް ފަސް ޖަމިއްޔާއަކުން ގޮވާލައިފި

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން، ފަސް ފަނޑިޔާރުންނަށް މަދުކުރާ ޤާނޫނު ތަސްދީޤު ނުކުރެއްވުމަށް ރާއްޖޭގެ ފަސް ޖަމިއްޔާއަކުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ގުޅިގެން ނެރުނު ބަޔާނެއްގައި މި ގޮވާލުން ވަނީ ކޮށްފައެވެ.

ޖަމިއްޔާތަކުން ބުނެފައިވަނީ، މި ކަމަކީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަ ޗެކް އެންޑް ބެލެންސްގެ ދުސްތޫރީ ބިންގާ ރައްޔިތުންގެ މަޖިލީހުން ނަގާލުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު ބަލަމުންދާ މައްސަލަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށްވެސް ވަނީ ގޮވާލައިފައެވެ.

ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށެވެ. ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބެލުމަށެވެ. އެއާއެކު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކޮށްފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފްތާގައި ސަސްޕެންޑް ކުރުމާއެކު، މައްސަލަ މިހާރު ވަނީ ނުބެލި ހުއްޓިފައެވެ. ޖަމިއްޔާތަކުން ބުނާ ގޮތުގައި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ ސުޕްރީމް ކޯޓު 'ޕެރެލައިޒްކޮށް’، މައްސަލަ ބެލުން ހުއްޓުވުމެވެ.

ޖަމިއްޔާތަކުން ވަނީ ބާ ކައުންސިލުންނާއި ވަކީލުން މި މައްސަލައާ ދެކޮޅުކަންވެސް ފާހަގަކޮށްފައެވެ. އަދި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލައަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ފާސްކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީޤު ނުކުރައްވައި މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ސަސްޕެންޝަނުގައި ހުންނަވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައިފައެވެ. ހަމައެއާއެކު، ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ ހައްޔަރުކުރި މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ބުނެ އޭނާގެ ޤާނޫނީ ވަކީލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަން ސާފުވާކަމަށް އިދިކޮޅުން ބުނަމުންގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ