އާސަންދަ ކުންފުނިން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަޖިލިސް މެންބަރުންނަށް ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
"އަދަދު" ނޫހުން މިއަދު ޝާއިޢުކުރި ޚަބަރެއްގައި ބުނެފައިވަނީ ހަމައެކަނި ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދިނުމަށް ވަކި މުވައްޒަފުންތަކެއް ޚާއްޞަކުރީ ފެބްރުއަރީ 1 ގައި ކަމަށެވެ.
އެގޮތުން، އެ ބޭފުޅުންގެ ރިކުއެސްޓްތައް ވަގުތުން ވަގުތަށް ހަމަނުޖެހޭތީ ޕީއެންސީގެ މެންބަރުން "ވަރަށް ބޮޑަށް ޝަކުވާ ކުރާ" ކަމަށާއި، އެ މައްސަލައިގައި އާސަންދައިގެ އެމްޑީ އާމިނަތު ޒީނިޔާ ހުރިހާ މުވައްޒަފުންނާ ބައްދަލުވެސް ކުރެއްވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ސިޔާސީ ގޮތުން ކަންކަން ހަމަޖައްސައިދިނުމަށް މަޖިލިސް މެންބަރުންގެ ފަރާތުން އަބަދުވެސް އެ އޮފީހަށް ރިކުއެސްޓު އަންނަ ކަމަށާއި، ނަމަވެސް މިއީ ވަކި ބަޔަކަށް ޚާއްޞަކޮށް ޚިދުމަތް ދިނުމަށް މުވައްޒަފުން ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށް އެކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން އާސަންދައިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި އާސަންދަ ކުންފުނިން މިފަދަ އެއްވެސް ޑެސްކެއް ގާއިމުކޮށްފައި ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.