ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ފައިދާހުރި ރައްޔިތުންނަށް ހެދުމަށްޓަކައި ސަރުކާރުން ވަކި ރަށެއް ޚާއްޞަކޮށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ރިހެބިލިޓޭޓިވް އެޕްރޯޗެއްގައި ކޮންމެ ގައިދީއަކީވެސް ޖަލުން ނުކުންނައިރު މުޖުތަމަޢަށް ބޭނުންހިފޭ ފައިދާހުރި މުހިންމު މީހަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ގައިދީންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށާއި އެ ފަރާތްތަކާއި އާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅާކަމަށް ޒަރީރު ވިދާޅުވިއެވެ.
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އާއިލާތަކަށް ޚާއްޞަކޮށްގެން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ގައިދީން ރިހެބިލިޓޭޓްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކިޔަވައިދޭ އެއްޗެއްސާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމު ކަމަށެވެ.
ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 ޕަސަންޓަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއް ކަމަށް ކޮމިޝަނަރ މީގެ ކުރިން ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަން ބައްޓަންކުރުން ކަމަށް ކޮމިޝަނަރ ވަނީ ފާހަގަކޮށްފައެވެ.
ރޯދަ މަހާ ގުޅުވައިގެން ބޭއްވި ޚާއްޞަ ހަފްލާގައި ގައިދީންނާއި އާއިލާތަކުން ވަނީ އެކުގައި އަގުހުރި ވަގުތުތަކެއް ހޭދަކޮށްފައެވެ. މިއީ ގައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެއްކަމަށާއި މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު ހަރަކާތްތައް މުސްތަޤުބަލުގައި ހިންގުމަށް އެ ޖަލުން ރާވާފައިވާކަމަށް ބުނެފައިވެއެވެ.