ހައުސިންގ މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި، ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންނަށް މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
މިއަދުން ފެށިގެން ފްލެޓު ލިސްޓާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް 31، 2025 ވާ ހޯމަ ދުވަހުގެ ރޭ 23:59 ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ފޯމު ހުށަނާޅާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހައުސިންގ މިނިސްޓްރީގެ މެއިލް އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއިން ޝަކުވާ ހުށަހެޅޭނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ހާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.
އަދި އެ ފުލެޓުތަކަށް 1،820 މީހެއް ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު ނެރުނު ލިސްޓާއި ގުޅިގެންވެސް ގިނަ ބަޔަކު ޝަކުވާކުރަމުން އަންނައިރު، އެ ލިސްޓުގައިވާ ފަރާތްތައް އިވެލުއޭޓްކޮށްފައިނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.