ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހުނީ ވ. ރަކީދޫއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަކީދޫއަށް 118.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ފ. ނިލަންދޫއަށް ކަމަށްވާއިރު އެރަށަށް 65 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މީގެއިތުރުން، ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދޫއަށް ކަމަށްވާއިރު އެރަށަށް 46.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހަތަރުވަނައަށް އދ. މާމިގިލި ހިމެނޭއިރު، އެރަށަށް 40 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހުޅުލެއަށް 31.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަންވެސް މެޓުން ހާމަކޮށްފައިވެއެވެ.
މިއަދުގެ މޫސުމާ ބެހޭގޮތުން މެޓް އޮފީހުން ލަފާކުރައްވާފައިވަނީ މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގައި 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވިދާޅުވިއެވެ.