ޑިއުޓީގައި ހުއްޓާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ސީނިއަރ މެއިންޓަނަންސް އޮފިސަރު، ފާލަންދޮށުގެ، ތ. ތިމަރަފުށީ، އާގިލް ޝަމީމް (49އ) ރޭ ނިޔާވެއްޖެއެވެ.
އާގިލް ޝަމީމް ހޮސްޕިޓަލަށް ގެންދެވުނީ އާދިއްތަ ދުވަހު ކުއްލި ސިއްޙީ މައްސަލައަކާ ގުޅިގެން ކަމަށް ޕީއެސްއެމުން މަޢުލޫމާތު ދެއެވެ. އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭ އޭނާ ވަނީ ނިޔާވެފައެވެ.
ޕީއެސްއެމްގެ މަޢުލޫމާތުން އެނގޭ ގޮތުގައި އާގިލް ޝަމީމަކީ އޮފީހުގެ ހުރިހާ މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވަވާ ހިތްހެޔޮ ބޭފުޅެކެވެ. އަދި ޕީއެސްއެމްގެ އެކި ޕްރޮގްރާމްތައް ޝޫޓްކުރުމަށް ސްޓޫޑިއޯތައް ތައްޔާރުކުރުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އޮފީހުގެ މަސައްކަތު މީހުންގެ ކަންކަމާއި މެއިންޓަނަންސާ ބެހޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދެވި ހީވާގި މުވައްޒަފެއްކަމަށްވެސް ފާހަގަކުރެވެއެވެ.
ޕީއެސްއެމްގެ ސްޕޯޓްސް ޖާނަލިސްޓު ސާއިދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި އާގިލް ހޮސްޕިޓަލަށް ގެންދިޔުމުގެ އެއްގަޑިއިރު ކުރިން އޭނާއާ ބައްދަލުވި ވަގުތު، އެކުވެރިން ސަމާސާކޮށްލިނަމަވެސް އޭނާގެ ފަރާތުން ޖަވާބެއް ނުލިބުނު ކަމަށާއި އެވަގުތު އޭނާ އިނީ މަޑުމަޑުން ޖޯލީގައި އިށީނދެގެންނެވެ. ސާއިދު އިތުރަށް ފާހަގަކުރެއްވީ ސްޕޯޓްސް ދާއިރާގައި ކުރިއަށްދާން އާގިލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.
އާގިލް ޝަމީމް ދައުލަތުގެ މީޑިއާގައި ޚިދުމަތްކުރަން ފެއްޓެވީ މީގެ 28 އަހަރު ކުރިން 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން ޚިދުމަތާ ގުޅިވަޑައިގެންނެވި އާގިލް، ޕީއެސްއެމް އުފެދި އެ ކުންފުންޏަށް ބަދަލުވުމަށްފަހު އެމްއެންބީސީ އަދި އެމްބީސީގައިވެސް މަސައްކަތް ކޮށްފައި ވެއެވެ.
އާގިލް ޝަމީމްގެ ނިޔާވުމާ ގުޅިގެން ޕީއެސްއެމްގެ މިހާރުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ދަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުންނެވެ.
އާގިލް ޝަމީމްގެ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު މަސްޖިދު ޒައިދުބިން ތާބިތް (ހުޅުމާލެ ސަހަރާ މިސްކިތު) ގައެވެ.