ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް، ދިރާސީ އާ އާހަރު ފެށޭނީ އެޕްރިލް 7 ގައި

ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް، ދިރާސީ އާ އާހަރު ފެށޭނީ އެޕްރިލް 7 ގައި

Author
ހުސައިން
27 ފެބްރުއަރީ 2025 10:05
0

މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލުތަކުން 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދަރިވަރުންނަށް ދޫކުރުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ފެށުނު މި ދިރާސީ އަހަރު މިހާރު ވަނީ ނިމި، ދަރިވަރުން މިއަދު ބޮޑު ޗުއްޓީއަށް ދާނެއެވެ.

ރިޕޯޓު ފޮތް ބެލެނިވެރިންނާ ހަވާލުކުރުމަށްޓަކައި ބައެއް ސްކޫލުތަކުގައި ޚާއްޞަ ރަސްމިއްޔާތުތައް ބާއްވައި، ކުލަގަދަކޮށް މި ކަން ފާހަގަކޮށްފައިވެއެވެ. އެހެން އަހަރުތަކާ ތަފާތުކޮށް، މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވެފައިވަނީ ރަމަޟާން މަހާއެވެ. އެކަޑެމިކް ކަލަންޑަރަށް ގެނެވުނު ބަދަލާ ގުޅިގެން، އައު ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު 10 ވަނަ ދުވަހުގައެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހުގައެވެ.

ކުރިން ދިރާސީ އަހަރު ފެށެމުން އައީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގައެވެ. ނަމަވެސް، ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން، 2021 ވަނަ އަހަރު ދިރާސީ އަހަރު ފެށުން ފަސްކޮށް، އޮގަސްޓު މަހު ފެށޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ބޮޑު ޗުއްޓީ ދިމާވަމުން އައީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމުގައިވާ ޖޫން އަދި ޖުލައި މަހާއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ އެކަށީގެންވާ ގޮތެއްގައި ހޭދަކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އޭރު ގިނަ ބަޔަކު ޝަކުވާކުރަމުން ދިޔައެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ގިނަ ބަޔަކު އެދުނު ފަދައިން، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލުކުރުމަކީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވަޢުދެކެވެ. މިގޮތުން، ދިރާސީ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ބަދަލު މުޅިންހެން ތަންފީޒުކުރެވޭނީ 2026 ވަނަ އަހަރުގައެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 28 އިން 2026 ވަނަ އަހަރުގެ ޖެނުއަރީ 27 އަށެވެ. އަދި 2026 ވަނަ އަހަރުން ފެށިގެން، ބޮޑު ޗުއްޓީ ދިމާވާނީ ޑިސެމްބަރު މަހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.