ސުޕްރިމް ކޯޓުގެ 3 ފަނޑިޔާރުން މަގާމުން ސަސްޕެންޑް ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންނާއި ގުޅުންހުރި ޖިނާއީ ތަޙުޤީޤެއް ހިންގަމުންދާކަން އޭސީސީން އެ ކޮމިޝަނަށް އެންގުމުން ކަމުގައި ޖޭއެސްސީން ބުނެފިއެވެ. މިގޮތުން ސަސްޕެންޑްކުރެވުނު ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއްސުޢޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ.
މި ނިންމުން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުން މެންބަރުން ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުން ފެށުމަށް ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ. މި މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 11:00 އަށް ތާވަލުކޮށްފައިވީނަމަވެސް، މިހާރު ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ ހަތަރުވަނަ ޖަލްސާގައި ތިން ފަނޑިޔާރުން ވަގުތީގޮތުން މަޤާމުން ސަސްޕެންޑްކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ ތަފްޞީލު ނުވަތަ އޭސީސީއިން އެ ފަނޑިޔާރުންނާ މެދު ބަލަމުންދާ ކަންކަމުގެ މަޢުލޫމާތު ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
މިއާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން މަޖުބޫރުވާ ގޮތަށެވެ. މި ބިލުގައިވާ ގޮތުން، ވަކިކުރެވޭ ދެ ފަނޑިޔާރުން މަޤާމަށް ޤާބިލު ނޫން ކަމަށް ކަނޑައަޅަންޖެހޭނެއެވެ. އަދި މި ކަނޑައެޅުމުގައި ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން ލާޒިމެއް ނޫނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ ބިލު ތަޞްދީޤުކުރުމުގެ ކުރިން، ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ނިންމުން ޖޭއެސްސީން ނިންމާފައިވަނީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކުރިން ނެތި ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރުން ވަކިކުރުމަކީ އިންޞާފުވެރި ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ ލަފާދެއްވި ފަހުންނެވެ.