ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވުނު ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލް ބަލައިގަތުމަށް ފާސްކޮށްފިއެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ބިލް ބަލައިގަތުމަށް 64 މެންބަރުން ވޯޓުދެއްވި އިރު، ބިލް ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން ވޯޓުދެއްވިއެވެ.
މި ބިލްގައި ހުށަހަޅާފައިވަނީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށެވެ. ކުރިންވެސް ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބެވި އަދަދަށް ބެންޗު އަލުން އެކުލަވާލުމަށް ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.
ބިލްގެ އިބްތިދާއީ ބަހުސްގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވީ މިއީ ޝަރުޢީ ދާއިރާއަށް، ޚާއްޞަކޮށް ސުޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ބުނެފައިވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުންދާ ކަމަށްވެސް ވެރިކަންކުރާ ޕާޓީގެ ބައެއް މެންބަރުން ތުހުމަތުކުރެއްވިއެވެ.