ފުލުހުން ހިންގާ ޖިނާއީ ތަޙުޤީޤަށް ހުރަސްއަޅާނަމަ ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރު އިޙްސާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޟިރުވެވަޑައިގެންފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ތުހުމަތުކުރި އެއް ކަމަކީ ފުލުހުން ހިންގާ ޖިނާއީ ތަޙުޤީޤުތަކަށް މިނިސްޓަރު ނުފޫޒު ފޯރުވާކަމެވެ. އެގޮތުން ބައެއް ތަޙުޤީޤުތަކަށް މިނިސްޓަރު ހުރަސްއަޅާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެ ތުހުމަތުތަކަށް ޖަވާބުދާރީވަމުން އިޙްސާން ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ވެރިން މިނިވަންކަމާއެކު ތިބީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ނުފޫޒު ނުފޯރުވާތީ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ މިހާރު ޖަލުގައި" ފުލުހުންގެ ތަޙުޤީޤަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
ކުރީ ސަރުކާރުގެ އިސްވެރިންގެ ގިނަ މައްސަލަތަކެއް ބަލަމުން އެބަދެއެވެ. އެގޮތުން މިދިޔަ ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމަށް އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލު ދީފައިވަނީ ގަވާއިދުތަކާ ޚިލާފަށް ކަމަށްވާތީވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އާއި ކުރީގެ ރައީސް ޞާލިޙަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެޓާނީ ޖެނެރަލްއަށް އެންގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމިއެވެ.
އަދި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދުއަށް ދަޢުވާކޮށްފައިވެއެވެ.
މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ދިގުލައިގެންދާތީވެ ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުންގެވެސް ކަންބޮޑުވުން އެބައޮތެވެ. އެ ކަންބޮޑުވުންތައް ދޭތެރެދޭތެރެއިން ފާޅުކުރެއެވެ.