އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

Author
ހުސައިން
25 ފެބްރުއަރީ 2025 12:29
0

ހޯމްލޭންޑު އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ހެނދުނު 09:00 ގައި ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާންގެ މައްސަލަ އޮތީ ފުރަތަމަ އައިޓަމެއްގެ ގޮތުގައެވެ.

އިހުސާނުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއިއެކުއެވެ. ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިހުސާނުގ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ. އޭގެ މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމުގެ ތުހުމަތެވެ.

މި މައްސަލައަށް މަޖިލީހުގެ އާންމު ކޮމެޓީން ކަނޑައަޅާފައިވާ ވަގުތަކީ ދެގަޑިއިރެވެ. އެ ވަގުތުގެ ތެރެއިން އެއްގަޑިއިރުގެ ވަގުތެއް ކަނޑައަޅާފައިވަނީ މައްސަލާގައި މިނިސްޓަރު ޖަވާބުދާރީ ވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަބާރު އޮންނަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 93 އެވެ. އޭގެތެރެއިން 75 މެމްބަރުންނަކީ ވެރިކަންކުރާ ޕާޓީގެ މެމްބަރުންނެވެ. ވުމާއިއެކު ސަރުކާރުގެ ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެގޮތަށް ފާސްވުމަކީ ވަރަށް ނާދިރުކަމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.