ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން 1446 ވަނަ އަހަރުގެ ރަމަޟާންމަހު އައިޑީކާޑު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އާންމުކޮށްފިއެވެ. މިގޮތުން ރަމަޟާންމަހުގެ ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން 11:30 އަށް 150 ނަންބަރު ދޫކުރެވޭނެއެވެ.
ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ، މި ދުވަސްތަކުގެ ތެރެއިން 23، 25 އަދި 27 ވަނަ ދުވަހު ހެނދުނު 9:15 އިން 11:30 އަށް 150 ނަންބަރު ދޫކުރެވޭނެ ކަމަށް ޑީއެންއާރުން މަޢުލޫމާތު ދީފައިވެއެވެ.
އައިޑީކާޑު ޙަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ޙަވާލުކޮށްދިނުމަށް އެދި ސިޓީއަކާއެކު ފޮނުވުމުން ޙަވާލުކުރެވޭނެ ކަމަށް ޑީއެންއާރުން ބުނެފައިވެއެވެ. އަދި އިމަރޖެންސީ ހާލަތްތަކުގައި 7280368 ނަންބަރަށް ގުޅައިގެން އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.