މަސްދަޅު ހޯދުމަށް އޮންލައިން ޓޯކަންއެއް ނެގޭނެ އިންތިޒާމް ހަމަޖައްސަނީ

މަސްދަޅު ހޯދުމަށް އޮންލައިން ޓޯކަންއެއް ނެގޭނެ އިންތިޒާމް ހަމަޖައްސަނީ

ގުޅުންހުރި

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުންދާ މަސްދަޅު ކޭސް ހޯދުމަށް މާލެ ސަރަހައްދުގެ ރައްޔިތުން އެތައް އިރަކު ދިގު ކިޔޫގައި ތިބެން ޖެހޭތީ އޮންލައިން ޓޯކަންއެއް ނެގޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތަކުގައި ކޮޅު ނުފެންނަ ވަރަށް މީހުން ވަނީ ކިޔޫ ދަމާލާފަ އެވެ. އެހެންވެ، މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމްތައް ފަސޭހަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުންޏެވެ.

މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން، ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ އޮންލައިން ޓޯކަން ނެގޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއަކު އެމީހަކަށް މަސްދަޅު ކޭސް ދޫކުރާނެ އެވެ. ހޫނު ގަދަ ދުވަސްވަރެއްކަމުން، މިހާރު މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި ރޭގަނޑު 8:00 އިން މެންދަމު 12:00 އަށެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މާފަންނު މިފްކޯ ކޮމްޕްލެކްސް އާއި އެމްޓީސީސީ ސޯމިލްއިން 200 ޓޯކަން އަދި ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރުން 100 ޓޯކަން ބެހުމަށެވެ. އަދި ގަލޮޅު ދަނޑުގެ ހަތަރު ސެޓަޕަކުން ކޮންމެ ސެޓަޕަކުން 50 ޓޯކަން ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވިލިމާލޭ ވެމްކޯ ސައިޓުންނާއި، ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު، ހިޔާ ޓަވަރު 10 އަދި ކާމިލް ދީދީ ސްކޫލުން ކޮންމެ ތަނަކުން 100 ޓޯކަން ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ޓޯކަން ނެގުމާ ގުޅޭ ކަންކަން ފަހުން ހިއްސާ ކުރާނެ ކަމަށެވެ. އަދި ފޯނުފަދަ ތަކެތި ބޭނުން ކުރުމަށް ދަތިވާ ފަރާތްތަކަށް ވެސް އެއްވެސް ދައްޗެއް ނެތި ކުރިއަށް ގެންދާނެ އިންތިޒާމްތައް ވެސް ހަމަޖައްސާނެ ކަމަށެވެ. އެފަދަ އެއްވެސް ދަތިކަމެއް ހުރި ފަރާތެއްނަމަ، މަރުކަޒަށް އައުމުން، އެތަނުގައި ތިބޭ މުވައްޒަފުން އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މަސްދަޅު ކޭސް ދޫކުރާނީ ބަލާ އަންނަ ފަރާތެއްގެ އައިޑީ ކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެނައުމުންނެވެ. އެއް ފަރާތަކަށް ގިނަވަގެން ދޫކުރަނީ ތިން މީޓަރަށް، ތިން މަސްދަޅު ކޭހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ