ޙަމާސުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވި ހަތަރު ޔަހޫދީ އަސީރުންގެ ހަށިތައް ޔަހޫދީ ދައުލަތާ ޙަވާލުކޮށްފިއެވެ. ބުރާސްފަތި ދުވަހު އެ ހަށިތައް ޙަވާލުކުރެވުނީ ޣައްޒާގެ ޚާން ޔޫނިސްގައި ރެޑް ކުރޮހް މެދުވެރިކޮށެވެ. މި ހަތަރު އަސީރުންނަކީ 83 އަހަރުގެ ފިރިހެނަކާއި އަންހެނަކާއި އޭނާގެ ދެ ކުދިންނެވެ.
މި އަސީރުންގެ ހަށިތައް ޙަވާލުކުރުމުގެ މަރުޙަލާގައި، ޙަމާސުން ވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސޫރަ ބިރުވެރި ގޮތަކަށް ކުރަހާފައިވާ ޕޯސްޓަރެއް ހަރުކޮށްފައެވެ. އެ ޕޯސްޓަރުގައި މަރުވި އަސީރުންގެ ފޮޓޯ ޖަހައި، އެ މީހުންގެ މަރުގެ ޒިންމާ ނަތަންޔާހޫއާ ޙަވާލުކޮށްފައިވެއެވެ.
ޙަމާސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި އަސީރުން މަރުވެފައިވަނީ ޔަހޫދީން ގަސްތުގައި އެ މީހުން ތިބި ސަރަޙައްދަށް ދިން ޙަމަލާތަކުގެ ސަބަބުންނެވެ. އަދި ޙަމާސުން ބުނެފައިވަނީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނަށް އިންސާނިއްޔަތުކަމާއެކު މުޢާމަލާތުކޮށް، އެ މީހުންގެ ފުރާނަ ރައްކާތެރިކުރުމަށް މަސައްކަތްކުރި ކަމަށެވެ.
މި ހާދިސާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށުނު ޢުދުވާނީ ހަނގުރާމައިގެ ތެރެއިން ހިނގައިދިޔަ ކަމެކެވެ. މި ހަނގުރާމަ ފެށުނީ ޙަމާސުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ދިން ޖިހާދީ ޙަމަލާތަކާ ގުޅިގެންނެވެ. އެ ދުވަހު ޙަމާސުން ވަނީ 250 އެއްހާ މީހުން ރަހީނުކޮށްފައެވެ.
15 މަސްދުވަހަށް ދެމިގެންދިޔަ މި ހަނގުރާމަ ނިމުމަކަށް އައީ 2024 ވަނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހު ދެފަރާތުން ވެވުނު އެއްބަސްވުމަކާ އެކުގައެވެ. މި އެއްބަސްވުމުގެ ދަށުން، ޔަހޫދީ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަންކުރުމަށް ވަނީ އެއްބަސްވެފައެވެ. މިހާތަނަށް ދެފަރާތުގެ މެދުގައި ފަސް ފަހަރެއްގެ މަތިން އަސީރުންނާއި ޤައިދީން ބަދަލުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ