ރާއްޖޭގެ އެއް އަންހެނަކު ތިން ފިރިއަކާ އިނދެގެން އުޅޭ މައްސަލައެއް

ރާއްޖޭގެ އެއް އަންހެނަކު ތިން ފިރިއަކާ އިނދެގެން އުޅޭ މައްސަލައެއް

ގުޅުންހުރި

ފެމިލީ ކޯޓުގައި ބަލަމުންދާ މައްސަލައެއްގައި އެއް އަންހެނަކު ތިން ފިރިއަކާ އިނދެގެން އުޅޭކަމަށް އެ ކޯޓުގެ އިސް މުވައްޒަފަކު ހާމަކޮށްފިއެވެ.

ކުޑަކުދިންގެ ޚަރަދުގެ ގޮތުގައި ދެމުންދާ 2،000 ރުފިޔާ އިތުރުކުރުމަށް އެދި އުތުރު ގަލޮޅު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑު) ހުށަހެޅުއްވި ޕެޓިޝަނަކާ ގުޅިގެން ފެމިލީ ކޯޓުގެ މުވައްޒަފުންނާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ބުދަ ދުވަހު ބައްދަލުވުމެއް ބޭއްވިއެވެ.

މި ބައްދަލުވުމުގައި ކުޑަކުދިންގެ ޚަރަދު ނުދެއްކުމުގެ މައްސަލަތަކާއި ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ރަޖިސްޓްރީ ނުކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރިއެވެ.

ފެމިލީ ކޯޓުގެ ލީގަލް އޮފިސަރ އަޙްމަދު މައުސޫމް މި ކަންބޮޑުވުން ހިއްސާކުރައްވައި، ރާއްޖޭގައި ހިތާމަވެރި އާއިލީ ހާލަތުތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

"އެއް އަންހެނަކު ތިން ފިރިންނާ އިނދެގެން އުޅޭ މައްސަލައެއް އެބައޮތް. އެއް އަންހެނަކަށް ތިން ފިރި،" އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މި އަންހެން މީހާގެ ފުރަތަމަ ކައިވެނި ކުރީ ރާއްޖެއިން ބޭރުގައެވެ. އެ ކައިވެނި ރަޖިސްޓްރީ ނުކުރުމުގެ ސަބަބުން އެއީ "ވުޖޫދުގައި ނެތް" ކައިވެންޏެއްގެ ގޮތުގައި ބެލެވުނެވެ. އޭގެ ފަހުން އޭނާ ދެވަނަ ފަހަރަށް ރާއްޖެއިން ބޭރުގައި ކައިވެނިކުރިއެވެ.

"…ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް އަޅުގަނޑުމެންނަށް ލިބިފައި ހުރި. އެކަމަކު އެ ކައިވެނި ރަޖިސްޓްރީ ނުކޮށް، ގޮތެއް ނިންމުމުގެ ކުރިން އޭނަ އެހެން މީހަކާ އިނދެގެން. އަދި ދެވަނަ ކައިވެންޏާ މެދު ގޮތެއް ނިންމުމުގެ ކުރިން ތިންވަނަ ފަހަރަށް ކައިވެނިކޮށްގެން،" އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަކީ ނުރައްކާތެރި އަދި ނަސަބު އޮޅިގެން ހިނގައިދާނެ ކަންކަމެވެ.

ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތަކާ ގުޅޭ ގަވާއިދުތަކެއް ހުރި ނަމަވެސް، ގިނަ ބަޔަކު އެ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ކައިވެނިކުރާއިރު ފެމިލީ ކޯޓުގެ ހުއްދަ ހޯދުން ލާޒިމުވާއިރު، ގިނަ ބަޔަކު މި ފިޔަވަޅު ފުރިހަމަނުކުރާކަމަށް މައުސޫމް ވިދާޅުވިއެވެ.

އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖެއަކީ ދުނިޔޭގައި އެންމެ ގިނައިން ވަރިކުރާ ޤައުމެވެ. އެގޮތުން ކޮންމެ 1،000 މީހުންގެ ތެރެއިން އަހަރަކު 10.97 ވަރި ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ