ދެކުނު އޭޝިއާ ސަރަޙައްދުގައި ޕްލާސްޓިކުން ކުރާ ތިމާވެށީގެ ގެއްލުންތައް ކުޑަކުރުމަށް "ޕްލީޒް" ގެ ނަމުގައި އައު ޕްރޮޖެކްޓެއް ފަށައިފިއެވެ. މި މަޝްރޫޢަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް) އިން ފަށާފައިވާ މަޝްރޫޢެއްކަން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިގް އިބްރާހިމް އެކްސްގައި ހާމަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ދެކުނު އޭޝިއާގެ ޤައުމުތަކުގައި ޕްލާސްޓިކް ތިމާވެށްޓަށް ކުރާ އަސަރުތައް ދެނެގަތުމާއި، އެކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސަރަޙައްދީ ފެންވަރުގައި ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ޕްލާސްޓިކުން ކުރާ ތިމާވެށީގެ ގެއްލުންތައް ކުޑަކުރުމަށް ހަމައެކަނި ޤައުމީ ފެންވަރުގައި މަސައްކަތްކުރުމުން ނުފުދޭނެއެވެ. އެހެންކަމުން މިކަމުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މަސައްކަތްކުރަން ޖެހޭނެއެވެ.
މީގެއިތުރުން، ރާއްޖޭގައި ޕްލާސްޓިކް ކޮންޓްރޯލްކުރުމަށް އެކި ސިޔާސަތުތައް މިހާރުވެސް ދަނީ ތަންފީޒުކުރަމުންނެވެ. މީގެ ތެރޭގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ހިތްވަރުދިނުމާއި، ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތި ބޭނުންކުރުމަށް ބާރުއެޅުން ހިމެނެއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ޕްލާސްޓިކުން ކުރާ ތިމާވެށީގެ ގެއްލުންތައް ހުއްޓުވުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ނަމަވެސް މިކަމުގައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ