މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، އެ ކުންފުނީގެ ތިން ޖެނެރަލް މެނޭޖަރުން މަގާމުން ވަކިކުރައްވައިފިއެވެ. މިއީ ރައީސް މުއިއްޒުގެ ރީފޯމް އެޖެންޑާގެ ދަށުން، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ. މިފްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުވައްޒަފުން މަގާމުން ވަކިކުރެއްވީ އެ ފަރާތްތަކުގެ ޕާފޯމަންސް ރިވިއުކުރެއްވުމަށްފަހުގައެވެ.
މިފްކޯގެ އިސްލާހީ މަސައްކަތްތައް ފެށިފައިވަނީ މިދިޔަ އަހަރުއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުމެވެ. މި މަސައްކަތްތަކުގެ ތެރެއިން، ފައިދާ ނުވާ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ މިފްކޯގެ ކަންކަން އިސްލާހުކުރުމަށް، އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ޔޫކްރޭންގެ ރައްޔިތެއް ކަމުގައިވާ ޑރ. ވިޓާލީ ލުބިމޮޕް ހަމަޖައްސަވާފައިވެއެވެ.
ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއް ކަމުގައިވާ ޑރ. ވިޓާލީ ވަނީ މި ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މިފްކޯއަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސީއީއޯއަކު ހޯއްދެވުމުގެ މަގުސަދަކީ އެ ކުންފުންޏަކީ ކޮރަޕްޝަނާ ދުރު ކުންފުންޏަކަށް ހެއްދެވުމެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 1993 ވަނަ އަހަރު މިފްކޯ އުފެއްދެވީ ސަރުކާރުގެ މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގައި ހިނގި ހިޔާނާތުގެ މައްސަލައަށްފަހުގައި ކަމެވެ.