އެސްޓީއޯ އިން އަލަށް ބާޒާރަށް ނެރުނު ލުނބޯ ކިލޯއެއް 40 ރުފިޔާގެ އަގުގައި ވިއްކަން ފަށައިފި އެވެ. މިއީ މިވަގުތު ބާޒާރުގައި ލުނބޯ ވިއްކަމުންދާ 65 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގުތަކަށްވުރެ 15 ރުފިޔާ ކުޑަ އަގެކެވެ. މިދިޔަ ހަފްތާގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރާފައިވެ އެވެ.
އިންޑިއާއިން ގެންނަ ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯއިން ވަނީ ހާއްސަ ރޭޓުތަކެއް ހަމަޖައްސާފަ އެވެ. މިގޮތުން ފަސް ކިލޯގެ ލުނބޯ ފޮއްޓެއް 145 ރުފިޔާއަށް ވިއްކާއިރު، ފަސް ކޭހަށްވުރެ ގިނައިން ގަންނަ ފަރާތްތަކަށް ފޮއްޓެއް 135 ރުފިޔާއަށް ލިބޭނެ އެވެ. ހޯލްސޭލްކޮށް ލުނބޯ ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ވެއާހައުސް އިން ކަމަށާއި، ރީޓެއިލް އަގުގައި ލުނބޯ ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެސްޓީއޯއިން ލުނބޯގެ އިތުރުން އެހެން ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ. އެގޮތުން ކާށި 5 ރުފިޔާއަށާއި، ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަން ފަށައިފައިވާ އިރު، މިއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކަށްވުރެ ހެޔޮ އަގުތަކެކެވެ.
ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ވަނީ އިތުރު 24 ބާވަތެއްގެ ތަކެތި ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް އަލުވި، ކާށި އަދި ކަދުރު ހިމެނެ އެވެ. މީގެ އިތުރުން ތަރުކާރީ އާއި މޭވާގެ ގޮތުގައި ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެ އެވެ. އަދި ޕްރޮސެސްޑް ކާނާގެ ގޮތުގައި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު އަދި ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި ސަން ފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫ ހިމެނެ އެވެ.
އެސްޓީއޯ މެދުވެރިކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ އަސާސީ ކާބޯތަކެތީގެ 134 ބާވަތެއްގެ އަގުތައް އެ މިނިސްޓްރީން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ތަކެތީގެ އަގުތައް އުފުލި، ޝޯޓޭޖެއް އައިސްފި ނަމަ، އެސްޓީއޯ މެދުވެރިކޮށް އެތަކެތި ބާޒާރަށް ނެރޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ