ސަރުކާރުން ބޭނުންވާނަމަ، ގެއްލުން ނުވާގޮތަށް ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމަށް އެއްބަސް: ގާސިމް

ސަރުކާރުން ބޭނުންވާނަމަ، ގެއްލުން ނުވާގޮތަށް ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމަށް އެއްބަސް: ގާސިމް

ގުޅުންހުރި

ސަރުކާރުން ވަކި ގޮތަކަށް ބޭނުންވާނަމަ، އެކަށީގެންވާ ގޮތަކަށް ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމަށް ތައްޔާރަށް ހުރި ކަމަށް ވިލާ އެއާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި އިޤްތިޞާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވިލާ އެއާގެ ފަރާތުން ބައިވެރިވެވަޑައިގެން، ޤާސިމް ވިދާޅުވެފައިވަނީ ކާޑެއްދޫ އެއާޕޯޓު ހިންގަމުންދަނީ ގިނަ ޚަރަދުތަކެއް ކުރަމުންކަމަށެވެ. އެގޮތުން އެއާޕޯޓުގެ ޖެނެރޭޓަރުތަކާއި އެހެނިހެން މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑު ކައިރީ ވިދާޅުވި އެ ތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ދެ ފަހަރެއްގެ މަތިން. އަޅުގަނޑު ދެންނެވިން. އާދޭހޭ. އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަށޭ މި ތިބީ.

ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާވެސް ދެފަހަރެއްގެ މަތިން އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެއްދެވުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށާއި، އެކަމަށް ވިލާއިން އެއްބަސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިވަގުތު ކުންފުނީގެ ހާލަތާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ފައިނޭންސް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ކުންފުނީގައި ހުރިކަން އެއީ ހިތްހަމަޖެހުމެއްކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އިންޓެންޝަން އޮތީ އެކަން ކުރާ ގޮތަށް. އެހެންނަމަވެސް ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖިއްޔާ އަޅުގަނޑުމެން މި ތިބީ އެކަން އެ ފަރާތަކަށް ރީޒަނަބަލް ގޮތަކަށް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ނުވަންޏާ އެ ތަން ދޫވެސް ކޮށްލާ ގޮތަށް. އަޅުގަނޑުމެން ޖަދަލު ކުރުމެއް ނެތް. އެއީ މިކަން އޮތް ގޮތަކީ.

ގާސިމް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން، ތިނަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު ސަޢުދުﷲ ހިލްމީ ވިދާޅުވެފައިވަނީ އެއާޕޯޓުގެ ތަރައްޤީ ހިނގަމުންދާ ގޮތް ބެލުމަށް އެސެސްމަންޓެއް ހަދާފައިނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެސެސްމަންޓެއް ހަދާފައިނުވިނަމަވެސް، އެއާޕޯޓުގެ ކަންކަން ހުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ނޫންކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.

އެއާޕޯޓު ތަރައްޤީވުމަކީ އެ ސަރަޙައްދުގެ ރައްޔިތުންގެ ބޮޑު އުއްމީދެއްކަމަށް ވިދާޅުވެ، ވިލާއިން އެތަން އަތުލައިގެން ނަމަވެސް މައްސަލައަށް ޙައްލެއް ހޯދަންޖެހޭކަމަށް ސަޢުދުﷲ ވިދާޅުވިއެވެ. ވިލާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 7 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު ތަރައްޤީކުރަން ޖެހޭއިރު، ހަވާލުކުރިއިރު ހުރި ފެންވަރަށްވުރެވެސް މިހާރު އެތަނުގެ ފެންވަރު ދަށްވެފައިވާކަމަށާއި، ވިލާއިން އެތަން ތަރައްޤީކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަޢުދުﷲ ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ