މަޖިލިސް ކޮމިޓީން ނިންމީ މެންބަރުންގެ މުސާރަ މިވަގުތު ކުޑަ ކުރެވެން ނެތް ކަމަށް!

މަޖިލިސް ކޮމިޓީން ނިންމީ މެންބަރުންގެ މުސާރަ މިވަގުތު ކުޑަ ކުރެވެން ނެތް ކަމަށް!

ގުޅުންހުރި

ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މުސާރަތައް ކުޑަކުރުމުގެ ހުށަހެޅުން މިވަގުތަށް ތަންފީޒު ނުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައީސް މުޢިއްޒުގެ ހުށަހެޅުއްވުމުގައި ހިމެނެނީ ޝަރުޢީ ދާއިރާގެ އޮފިޝަލުންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި، ސިޔާސީ މަޤާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރުމެވެ. މީގެއިތުރުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކޮށް، އެތަންތަނުގެ އިސްވެރިންގެ މުސާރަ 90،000 ރުފިޔާގައި ހިފެހެއްޓުމާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މުސާރަ 50 އިންސައްތައިން ދަށްކޮށް، 100،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަކުރުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެފައިވަނީ މުސާރަތަކަށް މިފަދަ ބަދަލެއް ގެނެވޭނީ ކަމާގުޅޭ ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ. އެއް ގިންތިއެއްގެ މަޤާމުތަކާއި މުސާރަތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށާއި، ޤާނޫނީ ބަދަލުތަކެއް ނުގެނެސް މުސާރަ އުނިކުރުމަކީ އިންސާފުވެރި އަދި އަދުލުވެރި ގޮތެއް ނޫންކަމަށް އެމެންބަރު ވިދާޅުވިއެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދުވެސް ވަނީ މުސާރަތަކަށް ބަދަލު ގެނެވޭނީ ޤާނޫނަށް ބަދަލު ގެނެސްގެން ކަމަށް ވިދާޅުވެފައެވެ. ކޮމިޓީގެ މުޤައްރިރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްވެސް ވަނީ މުސާރަތައް ކުޑަކޮށް ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނަމަވެސް، ޤާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އިތުރު ހުށަހެޅުމެއްގެ ގޮތުގައި މެންބަރު މަމްދޫޙްވަނީ ބްރޯޑްކާސްޓިން ކޯޕަރޭޝަނާއި އެމްއެމްސީ އެއްކޮށްލުމަށް ހުށަހަޅުއްވާފައެވެ. މިގޮތަށް މުއައްސަސާތައް އެއްކޮށްލުމުން އެފިޝެންސީ އިތުރުވެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށާއި، މިނޫންވެސް އެއްކޮށްލެވިދާނެ މުއައްސަސާތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޤާނޫނީ ބަދަލުތައް އަވަހަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ވަނީ ނިންމާފައެވެ. މި ހުށަހެޅުންތައް ވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ