ދައުލަތުގެ ތިން ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ގެނައި ބަދަލުތަކަށް މަޖިލިހުން ރުހުން ދީފިއެވެ. މި ބަދަލުތައް ގެނެވުނު ވުޒާރާތަކަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ސިއްޙީ ވުޒާރާއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މި މައްސަލަ ދިރާސާކުރެއްވީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީންނެވެ. އަދި ކޮމިޓީން ނިންމެވީ މި ބަދަލުތަކަށް ރުހުން ދެއްވުމަށެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ރާވައި ހިންގުމާއި، އެފަދަ ފުރުސަތުތައް އިތުރުކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ދާއިރާ ރެގިއުލޭޓްކުރުމުގެ އިތުރުން ޤައުމީ ސަނަދުތަކާއި މަސައްކަތުގެ މާހައުލުގެ ސިއްޙީ ރައްކާތެރިކަމާބެހޭ ކަންކަން ކުރިއަށް ގެންދިއުން ހިމެނެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބަލަހައްޓާނީ ޤައުމުގެ ދާޚިލީ ސަލާމަތާއި އަމަންއަމާންކަން ޤާއިމުކުރުމާއި، ކުށް މަދުކުރުމާއި ކުށްވެރިން ބެލެހެއްޓުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން އިމިގްރޭޝަންގެ ކަންކަމާއި، ބިދޭސީ ވަޒީފާގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ކުށްކުރާ ކުޑަކުދިންނާއި މަސްތުވާތަކެތީގެ މައްސަލަތައް ބެލެހެއްޓުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ކަންކަމާއި ނޭޝަނަލް ރެޖިސްޓްރޭޝަނާއި އާބާދީއާބެހޭ ކަންކަންވެސް މި ވުޒާރާއިން ބަލަހައްޓާނެއެވެ.
ސިއްޙީ ވުޒާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންނަށް ސަލާމަތް ސިއްޙަތެއް ކަށަވަރުކޮށްދިނުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ޚިދުމަތްތެރިން ރެގިއުލޭޓްކުރުމާއި، ކާބޯތަކެއްޗާއި ބޭހާއި ހެލްތު ކްލިއަރެންސް ހޯދަންޖެހޭ ކެމިކަލްތަކާއި ސިއްޙީ އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި ރައްކާތެރި ލޭ ފޯރުކޮށްދިނުމާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަންޖެހޭ މީހުންގެ ކަންކަންވެސް މި ވުޒާރާއިން ބަލަހައްޓާނެއެވެ.
ކޮމެންޓު ފޮނުވާ