ގޮނޑި ގެއްލޭ އިސްލާހުގެ އިތުރު އަޑުއެހުމެއް މާދަމާވެސް ބާއްވަނީ

ގޮނޑި ގެއްލޭ އިސްލާހުގެ އިތުރު އަޑުއެހުމެއް މާދަމާވެސް ބާއްވަނީ

ގުޅުންހުރި

ސުޕްރީމް ކޯޓުން މިއަދު އިއުލާން ކުރެއްވި ގޮތުގައި، ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 9:00 އަށް ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ. މިއަދު ކުރިއަށް ގެންދެވުނު އަޑުއެހުމުގައި އަލީ ހުސައިންގެ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެފައިވަނީ ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށި، ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށާއި، މަޖިލީހުގެ މެންބަރުން މަސައްކަތްކުރަންޖެހޭނީ އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަމަށާއި، ރިޔާސީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލުކުރުމުން ސަރުކާރު ހިންގުމަށް ދުސްތޫރީގޮތުން އަންނަ ހުރަހެއް ނެތްކަމަށް ވަކީލު މަހްފޫޒު ފާހަގަކުރެއްވިއެވެ. އަދި މި އިސްލާޙުގެ ސަބަބުން މެންބަރުން ރައްޔިތުންގެ މަސްލަޙަތަށްވުރެ ޕާޓީގެ ފިކުރަށް އިސްކަންދޭންޖެހޭކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެމްބަރުން ވޯޓު ދެއްވައިގެން ކަމަށާއި، މި އިސްލާޙު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައި ކަމަށެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުންނެވެ. މާދަމާގެ އަޑުއެހުމުގައި އެމްޑީޕީން ޖަވާބުދާރީވުން އޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ