ގާނޫނު އަސާސީއަށް ގެނެވުނު އެންޓި-ޑިފެކްޝަން އިސްލާހާމެދު ސުވާލު އުފައްދައި ހުށަހެޅުނު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ފަށާއިފިއެވެ. މިމައްސަލާގެ އަޑުއެހުން ފަށާފައި މިވަނީ މައްސަލަ ހުށަހެޅިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.
ނޮވެމްބަރު 20 ވަނަ ދުވަހު ހުށަހަޅައި، ފާސްކޮށް، ތަސްދީގުކުރެވުނު މި އިސްލާހާއެކު މެންބަރުން ގޮނޑި ގެއްލޭނެ ތިން ހާލަތެއް އިތުރުކުރެވުނެވެ. އެއީ މެންބަރަކު އިންތިޚާބުވި ޕާޓީން އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުން ނުވަތަ ޕާޓީން ބޭރުކުރުން، މެންބަރަކު ޕާޓީ ބަދަލުކުރުން ނުވަތަ ވަކިކުރުން ނުވަތަ ބޭރުކުރުން، އަދި މިނިވަން މެންބަރަކު ޕާޓީއަކާ ގުޅުމެވެ.
ކުރީގެ ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލު އަލީ ހުސައިން ވަނީ ނޮވެމްބަރު 24 ގައި މި އައު މާއްދާތައް ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ފެށުނީ މިއަދު 11:00 ގައެވެ.
މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުތަސިމް ޢަދުނާންގެ އިތުރުން ޖަސްޓިސް ޑރ. އަޒްމިރާލްދާ ޒާހިރު، ޖަސްޓިސް ޢާއިޝާ ޝުޖޫން މުޙައްމަދު، ޖަސްޓިސް މަޙާޒް ޢަލީ ޒާހިރު، ޖަސްޓިސް ޙުސްނުއް ސުޢޫދު، ޖަސްޓިސް ޢަލީ ރަޝީދު ޙުސައިން، އަދި ޖަސްޓިސް ޑރ. މުޙައްމަދު އިބްރާހީމް ހިމެނޭ ފުލް ބެންޗަކުންނެވެ.
އަލީ ހުސައިން ވަކާލާތުކުރައްވާ ގޮތުގައި މި އިސްލާހަކީ ޤާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފަށް ގެނެވުނު އިސްލާހެކެވެ.
ސުޕަރ މެޖޯރިޓީ އޮންނަ ޕީ.އެން.ސީގެ އަޣުލަބިއްޔަތުން މަޖިލީހުން މި ޤާނޫނު ފާސްކުރީ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 12 މެންބަރުން ތަމްސީލުކުރާ އެމް.ޑީ.ޕީގެ މެންބަރުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ. އެމް.ޑީ.ޕީން ބުނާ ގޮތުގައި އެންޓި-ޑިފެކްޝަން މާއްދާތަކަށް އެ ޕާޓީން އިއުތިރާޒެއް ނުކުރެއެވެ. ނަމަވެސް ޕާޓީން ވަކިކުރެވޭ މެންބަރުންނަށް މި މާއްދާތައް ތަންފީޒުކުރުމަކީ މެންބަރުންގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް އެ ޕާޓީން ދެކެއެވެ.
ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ބަހުސްކުރެވިފައި ނުވާކަމަށްވެސް ބުނެ އެމް.ޑީ.ޕީން ވަނީ އިއުތިރާޒުކޮށްފައެވެ. އަދި ޕާޓީން ވަކިކުރެވޭ މެންބަރުން ވަކިކުރެވޭނީ ރީކޯލް ރެފަރެންޑަމަކަށްފަހު ކަމަށް އެމް.ޑީ.ޕީން މަޖިލިހަށް ހުށަހެޅި އިސްލާހު މަޖިލިހުން ބަލައިގެންފައެއްވެސް ނުވެއެވެ.
ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި އިސްލާހުތަކަކީ ރާއްޖޭގެ އިސްތިގްރާރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީ.އެން.ސީގެ ޗެއަރޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ ޕްރޮސެސް ހަރުދަނާކުރުމަށް ޤާނޫނެއް އެކުލަވާލެވޭނެ ކަމަށެވެ.