ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ "ފަސް މިލިއަން ގަސް" ޕްރޮގްރާމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތުން ރޭ ބޭއްވުނު އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މި އަހަރުގެ ތެރޭގައި ދެ މިލިއަން ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި މިދިޔަ އަހަރު މި ޕްރޮގްރާމްގެ ދަށުން ފަސް ލައްކައެއްހާ ގަސް ވަނީ އިންދާފައެވެ. އަދި ޕްރޮގްރާމްގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކުރެވެމުންދާ ކަމަށާއި، މި އެޕްލިކޭޝަނުން ގަސް އިންދާ ތަންތަނާއި އިންދާ ފަރާތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބެން ހުންނާނެއެވެ.
މިއަހަރުވެސް މިބަލަނީ އެއް މިލިއަނަށްވުރެ ގިނަ ގަސް އިންދުމަށް. ޓާގެޓަކީ ދެ މިލިއަން ގަސް އިންދުން މިއަހަރުގެ ތެރޭގައި. ފަސް އަހަރުވާ އިރު ފަސް މިލިއަން ގަސް އިންދިގެންދާނެ އިރާދަކުރެއްވިއްޔާ.
ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގަސްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމަށް މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތް ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.
2023 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށުނު މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ކަވަރ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ރުއް، ފަން، ފަތްޕިލާވެލި އަދި އެހެނިހެން ބާވަތްތަކުގެ ގަސްތައް އިންދުމުގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، އަމިއްލަ ޖަމްޢިއްޔާތަކާއި، ސްކޫލްތަކާއި، އަދި އާންމު ރައްޔިތުން ބައިވެރިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮގްރާމަކީ ރައީސް މުއިއްޒު ދުބާއީގައި ބޭއްވުނު ކޮޕް28 ގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ.