ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ދަށްވަމުންދާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ފޯންކޯލް މެދުވެރިކޮށް ސަރުކާރުން ޑޮލަރުގެ އަގު ދަށްކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޠާރިޤު ސާފުކޮށްދެއްވީ ރިސޯޓުތަކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްކުރާ ޤަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ފެށުމާއެކު ޑޮލަރުގެ އަގު ބްލެކް މާކެޓުގައި ދަށްވަމުންދާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް އިތުރު 1،500 ޑޮލަރު ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. މި ކަންކަމަކީ ރިސޯޓުތަކުން ޑޮލަރު މާރުކުރުން ލާޒިމްކުރުމުގެ ސަބަބުން ފެންނަމުންދާ ހެޔޮ ބަދަލުތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކުން މި ގަވާއިދަށް ތަބާވެ ޑޮލަރު މާރުކުރަމުންދާ ކަމަށާއި، އެމްއެމްއޭގެ ގަވަނަރުގެ އެންމެ ފަހުގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭންކްތަކަށް މާރުކޮށްފައިވެއެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭރުފައިސާއާ ބެހޭ ގާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު، އެމްއެމްއޭއިން މިދިޔަ އޮކްޓޯބަރު މަހު އާންމުކުރި ބޭރުފައިސާއާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ފަތުރުވެރިންގެ ބޮލަކަށް ޑޮލަރު މާރުކުރުމަށް ރިސޯޓުތަކަށް ލާޒިމްވެއެވެ. މި ގަވާއިދުގެ ދަށުން، ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ވިޔަފާރިތައް ދެ ކެޓަގަރީއަކަށް ބަހާލާފައިވާއިރު، ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ހަމައެކަނި ރިސޯޓުތަކެވެ. މި ގަވާއިދުގެ ދަށުން، ރިސޯޓުތަކުން އެތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ ވިޔަފާރިއަށް އެ މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރެވިދާނެއެވެ. އަދި މި ފައިސާ މާރުކުރަންޖެހޭނީ ކޮންމެ މަހެއްވެސް ނިމުމުން ޖެހިގެން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.