ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އައި 14 އައިސްޕްލާންޓު މިއަދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކޮށްފިއެވެ. މި އައިސްޕްލާންޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައިވާ ތަންތަނެވެ.
މި ދެ ކުންފުނީގެ ދެމެދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވްއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައިސްޕްލާންޓުތައް އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމްތައް މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ބަދަލުކުރެވުނު އައިސްޕްލާންޓުތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ އަދި ސ. ހިތަދޫ ހިމެނެއެވެ. މީގެ ތެރެއިން އިހަވަންދޫ އަދި ހިތަދޫގައި ހުރީ 20 ޓަނުގެ ކެޕޭސިޓީ އިންސްޓޯލްކޮށްފައިވާ އައިސްޕްލާންޓުތަކެވެ. އަދި އެހެން 12 ރަށުގައި ވަނީ 25 ޓަނުގެ ކެޕޭސިޓީ އިންސްޓޯލްކޮށްފައެވެ.
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، ހުރިހާ އައިސްޕްލާންޓުތަކެއް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިއީ ޚިދުމަތުގެ ގާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މި ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރެވެއެވެ.