ރާއްޖެއަށް މޫސުމީ ބަދަލުތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، އެ ބަދަލުތަކަށް ރާއްޖެ ވިލުންތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެހީތެރިކަން ބޭނުންވާ ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޭނާ މިކަން ފާހަގަ ކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުނު ވޯލްޑް ގަވަރމެންޓް ސަމިޓް 2025ގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
ސަމިޓުގައި ބޭއްވުނު ސަސްޓެއިނަބަލް ޑިވަލޮޕްމެންޓް ގޯލްސްއިން އެކްޝަން 2025 ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތައް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ދަތިތަކާ ކުރިމަތިލުމަށް އެ ޤައުމުތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައިވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އެގޮތުން އިމާރާތްތައް ބިނާކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެ ގޮތްތަކަށް ސަމާލުކަން ދިނުމާއި، ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ރާއްޖެއިން ޚާއްޞަ އިސްކަމެއް ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެ ގޮތަށް ގެދޮރު އިމާރާތްކުރުމަށް އިރުޝާދު ދިނުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާއިން ވަނީ ޚާއްޞަ އިރުޝާދު ފޮތެއް އެކުލަވާލާފައެވެ. މި ފޮތުގައި ކާރިސާތަކާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި، ކަރަންޓު ޚަރަދު ކުޑަކުރުމަށް ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްޓެހި ގޮތްތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.