ޝަރުއީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި، ޖުޑިޝަރީގެ ކޯޓު ކޮމްޕެލެކްސް އާއި މުސާރައިގެ ވާހަކަ ރިޔާސީ ބަޔާނުގައި އައުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ގަޟާއީ އަހަރު 2025 ގެ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޒާ ވިދާޅުވީ، އޭނާ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެއީ އަދުލު އިންސާފުގެ ދާއިރާއަކީ އިދާރީ ގޮތުން ބާރެއް ނެތް ބާރެއްގެ ގޮތުގައި ދެމިއޮތުމަކީ ގަބޫލުކުރެވޭނެ ކަމަކަށް ނުވާތީ، އެ ބާރަށް އަސަރުތަކެއް ކުރާނެކަމުގެ ހެޔޮ އުއްމީދުގައި ކަމަށެވެ.
ރައީސް މުއިއްޒާއެކު ބޭއްވެވި ބައްދަލުވުމުގައި ތިން ކަމެއްގެ މައްޗަށް މަޝްވަރާކުރެއްވިކަމަށް ރިޒާ ހާމަކުރެއްވިއެވެ. އެއީ 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކޯޓު ކޮމްޕްލެކްސްގެ މައްސަލައާއި، ޝަރުއީ ދާއިރާއަށް ވަންނަ ކުދިންގެ އަދަދު މަދުވުމުގެ މައްސަލައާއި، އަދި ބޯހިޔާވަހިކަމުގެ މައްސަލައެވެ. މި މައްސަލަތަކުގެ ތެރެއިން ކޯޓު ކޮމްޕްލެކްސްއާއި މުވައްޒަފުންގެ މުސާރައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ރިޒާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދު ޝަރުއީ ދާއިރާއާ މެދު ރައްޔިތުން ދެކޭ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މައްސަލަތައް ލަސްވުމެވެ. ޚާއްޞަކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މައްސަލަތައް ނިންމުމުގައި ދިމާވާ ލަސްވުމެވެ. މިފަދަ މައްސަލަތަކުގެ ޒިންމާއަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއް ނޫން ކަމަށާއި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން މިކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށް ރިޒާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ރިޒާ ވިދާޅުވީ، "ކަދުރު ރުއް އިންދާ މީހާއަށް ފަހަރެއްގައި އޭގެން ކަދުރު ކާން ނުލިބިދާނެ، އެހެންނަމަވެސް އަންނަން އޮތް ޖީލުތަކަށް އެ ރުކުގެ ހިޔާވަހިކަމާއި މޭވާ ލިބުމުގެ ތަސައްލީ ލިބިގެންދާނެ" ކަމަށެވެ.
ރިޒާ ވިދާޅުވީ ރައީސް މުއިއްޒުގެ ތަސައްވަރީ ވިސްނުންފުޅާއި ރިޔާސީ ވައުދުފުޅުގެ ތެރެއިން ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ދެމިހުންނެވުމަށް މުޅި ޝަރުއީ ދާއިރާއިން ގޮވާލައްވާ ކަމަށެވެ.