ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅުކޭސް މާލޭ ސަރަހައްދުގައި ބަހަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅުކޭސް މާލޭ ސަރަހައްދުގައި ބަހަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް މާލޭ ސަރަހައްދުގައި ބެހުމަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެމުން އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެވޭ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅެވެ. އަދި މި މަސްދަޅު ކޭސްތައް ދޫކުރެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށާއި، މަސްދަޅު ކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ދެ ދަންފަޅިއަކަށެވެ. އެގޮތުން މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރުމަށް ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. މި މަރުކަޒުތަކުގެ ތެރޭގައި މާލޭގައި މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް ހިމެނެއެވެ. އަދި ވިލިމާލޭގައި ވިލިމާލޭ ކައުންސިލް އޮފީހާއި، ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުވެސް ހިމެނެއެވެ.

އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައެވެ. އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *