މިއަހަރު ތެރޭގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަކޮށްގެން އިތުރު 36 ވަދު ކަނދުފަތި އެޅުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އޭނާ މިކަން އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް މިފަދަ ކަނދުފަތި އެޅުމަށް 80 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވެއެވެ. މި ކަނދުފަތިތައް އަޅާނީ އެއް ރަށަށްވުރެ ގިނަ ރަށްރަށުގެ މަސްވެރިންނަށް ބޭނުންކުރެވޭނެ ގޮތަށެވެ. އަދި މަސްވެރިންނަށް 6 މޭލަށްވުރެ ދުރަށް ދަތުރުކުރަން ނުޖެހޭ ގޮތަށް މި ކަނދުފަތިތައް ފަރުމާކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކަޅުބިލަމަސް ބޯޓު ހަދާ މަރުކަޒެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ހުރި އެންމެ މަރުކަޒުގެ އިތުރުން އުތުރާއި ދެކުނުގައިވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ރޭވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން ށ. ފުނަދޫގަދޫގައި މިހާރުވެސް މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި މަސްވެރިކަމާބެހޭ ވުޒާރާގެ ޕްލޭންތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ އިތުރުން އިތުރު ތިން ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ