ޙަމާސް ޖަމާޢަތުން ރަހީނުކޮށްފައިވާ ޔަހޫދީން މިނިވަން ކުރުން ލަސްކޮށްފައިވާ ކަމަށް އެ ޖަމާޢަތުން އިޢުލާނުކޮށްފިއެވެ. މި ލަސްކުރުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ޙަމާސުން ފާހަގަކުރަނީ، ޙަމާސާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ ކަމަށެވެ. މިކަމާ ގުޅިގެން، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދިޔަ އަނިޔާވެރި ޢަމަލުތައް އަލުން ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާކަމަށް މި މައްސަލަ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައް ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައެވެ. މި ޙަމަލާތައް ހުއްޓިފައިވަނީ ޖަނަވަރީ 19 ގައި ދެފަރާތުގެ މެދުގައި ވެވުނު ހުދަނާ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާތަނަށް އިސްރާއީލުގެ ޙަމަލާތަކުގައި 61,700 މީހުން ޝަހީދުވެފައިވާއިރު، 111,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކޮށްފައިވެއެވެ. އދ. އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ އާބާދީގެ ދެބައިކުޅަ ތިންބައި މިހާރު ވަނީ ފުނޑުފުނޑުވެފައެވެ.
ޙަމާސުން އަސީރުން މިނިވަންކުރުން ލަސްކުރި ޚަބަރު ހާމަކޮށްފައިވަނީ އިތުރު އަސީރުންތަކެއް މިނިވަންކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. މިކަމާ ގުޅިގެން، އަސީރުންގެ ޢާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެއްބަސްވުން ދެމެހެއްޓުމަށް އިސްރާއީލު ސަރުކާރަށް ގޮވާލައި، ތެލް އަވީވްގެ 'ހޮސްޓޭޖް ސްކޮއަރ' ގައި އެއްވެފައެވެ.
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަމާސުން މިހާތަނަށް 16 އަސީރުން މިނިވަންކޮށްފައިވާއިރު، އިސްރާއީލުން ވަނީ 566 ފަލަސްޠީނު ރައްޔިތުން މިނިވަންކޮށްފައެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ޙަމާސުން ޖުމްލަ 33 އަސީރުން މިނިވަންކުރަން ޖެހޭއިރު، އިސްރާއީލުން 1,900 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މިނިވަންކުރަން ޖެހެއެވެ.
މި އެއްބަސްވުމަކީ މިޞްރާއި ޤަޠަރުގެ މެދުވެރިކަމާއެކު، އެމެރިކާގެ އެހީތެރިކަމާއިއެކު ވެވިފައިވާ އެއްބަސްވުމެކެވެ. ނަމަވެސް މިޞްރުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނާގޮތުގައި އެއްބަސްވުން ނިމުމަކަށް އައުމުގެ ބިރު މިހާރު ވަނީ އިތުރުވެފައެވެ.