2025 އަކީ މަސްވެރިން މަސް ވިއްކުމަށް ކިއުގައި މަޑުކުރަން ޖެހޭނެ އެންމެ ފަހު އަހަރު ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކިއު ނައްތާލުމަށް އެއްވެސް މަސައްކަތެއް ނުކުރުމުގެ ސަބަބުން މަސްވެރިން މަސް ވިއްކުމަށް ކިއުގައި މަޑުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
މިހާރުގެ ސަރުކާރުގެ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ފަސޭހަކަމާއެކު މަސް ވިއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމީހުންނަށް ކިއު ނަންބަރެއް ދެވޭ. މަސްދޯނިތަކުން ގުޅާފައި 40 ނުވަތަ 50 ޓަނުގެ މަސް ގެންނަން އުޅޭ ކަމަށް ބުނުމުން ކިއު ނަންބަރެއް ދެވޭ. އެކަމަކު ބަނދަރަށް އައުމުން ފެންނަނީ 20 ޓަނު. އެހެންވީމާ، ދެވަނައަށް އޮތް ދޯނި ކުރިއަށް ޖައްސާލެވޭ،" އޭނާ ވިދާޅުވިއެވެ. "އިން ޝާ އަﷲ، މިއީ މަސްވެރިން ކިއުގައި މަޑުކުރަން ޖެހޭނެ އެންމެ ފަހު އަހަރު. ސަރުކާރުގެ ތަރައްޤީގެ ޕްލޭން ތަންފީޒުކުރުމާއެކު ނުވަތަ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުން މި ކިއު ނައްތާލެވޭނެ."
ޝިޔާމް ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ދުވާލަކު 420 މެޓްރިކް ޓަނުގެ ޖާގަ އޮންނަ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން ގަތް 'ޖަޒީރާ' ސިލްސިލާގެ ގިނަ އުޅަނދުތައް ހުއްޓިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މިފްކޯއިން 'ޖަޒީރާ 2′ އަދި 'ޖަޒީރާ 3′ މަރާމާތުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ހިދުމަތަށް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"…މިކަން ވުމުން، ކިއުގައި މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުރުވެގެންދާނެ. މިފްކޯއިން މިހާރުވެސް 420 ޓަނު، އަދި ބައެއް ދުވަސްދުވަހު 450 ޓަނު ގަނެއެވެ،" އޭނާ ވިދާޅުވިއެވެ.