ކިންގްސް ކެޕިޓަލްގެ މައްޗަށް ދައުވާނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެ ކުންފުނީގެ މަސްލަހަތު އޮތް އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާކޮށް ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ދިފާއުގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
އަލްހާނާއި ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލާފައިވަނީ އެ އާއިލާގެ ހިއްސާ އޮންނަ ކުންފުނިން ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށް ބުނާ މައްސަލައިގަ އެވެ. މިއަދު ބޭއްވުނު އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ބަހުސް ކުރުމެވެ.
ތިން ބެއިންގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ ދައުވާ ފުރިހަމަ ނުވާ ކަމާއި ދައުވާކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.
ދިފާއީ ވަކީލު އަލީ ސައީދު ކޯޓަށް ހުށަހެޅުއްވި ނުކުތާތަކުގައި ފާހަގަކުރެއްވީ، ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަކަށް ކަމަށެވެ. އަދި ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އޮންނަކަމާއި، މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން ފާހަގަކުރެއްވި އެވެ. އަދި ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން ކަމަށާއި، އަލްހާނަކީ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ، ދައުލަތުން ދައުވާކުރީ ކުންފުންޏަކުން ކުށްކޮށްގެނެއް ނޫން ކަމަށާއި، ކުންފުނީގެ ނަމުގައި ފަރުދީ ހައިސިއްޔަތުން ތިން ފަރުދަކު ކުރި ކުށަކާ ގުޅިގެން ކަމަށެވެ. އަދި ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެން ކުށްކުރާ ހާލަތްތަކުގައި ކުށްކުރި ފަރުދު ފަރުދީ ހައިސިއްޔަތުން ދައުވާކުރުމުގެ ފުރުސަތު ގާނޫނުއްއުގޫބާތުގައި އޮންނަ ކަމަށާއި، ސީލައިފް ފްލެޓްތަކުގެ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާގެ މައްޗަށް ދައުވާކުރުމުން، މައުލޫއީ ގޮތުން ބަލައިގެން ނޫނީ ފަރުދީ ގޮތުން ބައިވެރިވުން ނެތް ކަމަށް ކަނޑައެޅެން ނޯންނާނެކަން ކްރިމިނަލް ކޯޓުން ނިންމި ކަމަށް ފާހަގަކުރެއްވި އެވެ. އަދި ދިފާއުން ފާހަގަކުރާ ކަންކަން ނިންމޭނީ މައުލޫއީ ގޮތުން މުޅި މައްސަލަ ބަލައި ހެކިތައް ހުށަހަޅައިގެން ޝަރީއަތް ހިންގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ދިފާއުގެ ހުށަހެޅުމާ މެދު މިއަދު ޝަރީއަތުން ގޮތެއް ނުނިންމަ އެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހު 18ގަ އެވެ. މިއަދުގެ ޝަރީއަތަށް އަލްހާނާއި ވަކީލު ސައީދު ހާޒިރުވީ ގަޑި ޖެހިގެން ކަމަށް ވާތީ، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ އެ ދެ މީހުން 250ރ. އިން ޖޫރިމަނާކޮށްފަ އެވެ.
ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.