މިރޭ ވިލާކޮލެޖުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބައޮގްރަފީ ނެރެފިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މި ބައޮގްރަފީގެ މައިގަނޑު މަޤްސަދަކީ ކުރިޔަށް އޮތް ޖީލަށް ފައިދާހުރި މައުލޫމާތުތަކެއް ފޯރުކޮށްދިނުން ކަމުގައެވެ.
ގާސިމް އިތުރަށް ވިދާޅުވި ގޮތުގައި މިއަދު އޭނާއަށް މި ހާސިލްކުރެވުނު ކާމިޔާބީތަކަކީ އިބްރާހިމް ދޮންމަނިކު، އަލްމަރުހޫމް ދޮންބެ، ހައްވާމަނިކައްތަ، އިލްޔާސް އަދި އައްބާސްގެ ފަރާތުން ލިބުނު ފިލާވަޅުތަކާއި ނަސޭހަތުގެ ސަބަބުން ކަމަށެވެ. މި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު ދުނިޔޭގައި ނެތްނަމަވެސް، އެ ބޭފުޅުންގެ ނަސޭހަތްތަކާއި ފިލާވަޅުތައް އަބަދުވެސް ހަނދާނުގައި ބަހައްޓަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ސާކު ޗެމްބަރުގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ގިނަ ޕްރޮފެސަރުން އެމަނިކުފާނުގެ ބައޮގްރަފީ ލިޔުމަށް އެދިވަޑައިގެންނެވި ނަމަވެސް، އޭރު އެކަމަށް ބޭނުންވާ ވަގުތު ނުލިބުމުގެ ސަބަބުން އެކަން ނުކުރެއްވުނު ކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް މިހާރު ޑރ. ޝައުޤީގެ ލަފާފުޅާއެކު، ކުރިޔަށް އޮތް ޖީލުތަކަށް ފައިދާކުރާނެ ގޮތަށް އޭނާގެ ހަޔާތްޕުޅުގެ ތަޖުރިބާތަކާއި ފެނިވަޑައިގެންނެވި ކަންތައްތައް ލިޔުއްވުމަށް ނިންމެވި ކަމަށް ވިދާޅުވިއެވެ.
މި ބައޮގްރަފީގައި އޭނާގެ ދިރިއުޅުއްވުމުގެ ފެށުމާއި، ކުރިމަތިވި ގޮންޖެހުންތަކާއި، ދަތިއުނދަގޫތައް އަދި އެކަންކަން ހައްލުކުރެއްވި ގޮތުގެ ތަފްސީލު ހިމެނޭނެ ކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.