ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދެމުންގެންދާ އިނާޔަތުގެ ބަދަލުގައި މުސާރަ ލިބޭ ގޮތަށް ހަމަޖެއްސުމަށާއި، އަދި ރޯދަ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރުއެވެ.
މި އިސްލާހާއެކު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅައި، އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އިނާޔަތް ނުލިބޭ މެންބަރުންނަށް 3،000 ރުފިޔާގެ ރޯދަ އިނާޔަތް ލިބޭނެއެވެ. މީގެ އިތުރުން، އަންހެނުންގެ ކޮމިޓީތަކަކީ ރަށްރަށާއި ސިޓީތަކުގެ އެކި ކަންކަމުގައްޔާއި ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކުރުމާ ބެހޭ ގޮތުން ލަފާދޭ ފަރާތްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ ހިންގާ ގަވައިދަށްވެސް މި އިސްލާހުން ބަދަލުތަކެއް ގެނެވޭނެއެވެ. މިހާރު އޮންނަ ގޮތުން ކައުންސިލްތަކުގެ ލަފާގެ މަތިން ހަދަން ޖެހޭ ހިންގާ ގަވައިދު، އެލްޖީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސީދާ އަންހެނުންގެ ކޮމިޓީތަކުން އަމިއްލައަށް އެކުލަވާލެވޭ ގޮތަށް ބަދަލުކުރެވޭނެއެވެ.
މި އިސްލާހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު އދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވާނެ ކަމަށާއި، އެ ކޮމިޓީތަކުގެ ގިނަ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމުގެ ގޮތުން ގެނެވޭ އިސްލާހެކެވެ.