ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބޭސްތައް ލިބޭނެކަން ކަށަވަރުކޮށްދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް
ބޭހުގެ އަގުތައް ކޮންޓްރޯލް ކުރުމަށްފަހު މާލޭގެ ފާމަސީތަކުން ބޭސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ރައްޔިތުން ޝަކުވާ ކުރަމުންދާއިރު، މި މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އާސަންދަ އަދި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޝިމާދު ހާމަކުރެއްވިއެވެ.
ބޭސް ލިބުމުގައި ދިމާވާ މައްސަލަތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޝިމާދު ފާހަގަކުރެއްވީ، ޑޮކްޓަރުން ބޭސްސިޓީ ލިޔުއްވާއިރު ވަކި ބްރޭންޑެއްގެ ނަން ޖައްސަވާތީ ކަމަށެވެ. ނަމަވެސް ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޖެނެރިކް ނަމުން ބޭސް ލިޔުނު ނަމަވެސް ފާމަސީތަކުން ބޭސް ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ.
ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ތެރެއިން ހަކުރު އަދި ޕްރެޝަރގެ ބޭސްތައް އެއްވެސް ދަތިކަމެއްނެތި ލިބެން ހުންނާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެހެންނަމަވެސް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރައްވައި، މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
ތެލެސީމިއާ ބަލީގެ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ގެންގުޅޭ އުސޫލުގެ މަތިން، ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ދަފްތަރެއް އެކުލަވާލުމަކީ މިހާރު ދިމާވާ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލު ކަމުގައި ޝިމާދު ދެކެވަޑައިގަންނަވައެވެ. މިފަދަ ދަފްތަރެއް އެކުލަވާލެވިއްޖެނަމަ، ބަލިމީހުން އެއްރަށުން އަނެއް ރަށަށް ބަދަލުވާއިރުވެސް ބޭސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.